ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ކުއްލި ހާލަތު އިއުލާން ކުރުމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމި ނިންމެވުމަށް ޕީޕީއެމް އިން ތާއިދުކުރާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމަށް ކުރިމަތިވެފައިވާ މި ފަދަ ނުރައްކާތެރި ހާލަތެއްގައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރައީސް ޔާމީން ނިންމެވި ނިންމެވުމަށް ޕީޕީއެމް އިން ފުރިހަމައަށް ތާއިދުކުރާ ކަމަށެވެ.
ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ މިއަދު މެންދުރު 12 އިން ފެށިގެންނެވެ. މިއީ މުޅި ރާއްޖެއަށް ކުއްލި ހާލަތު އިއުލާންކުރި ފުރަތަމަ ފަހަރެވެ.
ކުއްލި ހާލަތު އިޢުލާނު ކޮށްފައިވަނީ، ގާނޫނު އަސާސީގެ 253 ގެ ދަށުން ރައީސުލްޖުމްޙޫރިއްޔާ ނެރުނު ގަރާރު ނަންބަރު 2015/08 ގެ ދަށުންނެވެ.
ކުއްލި ހާލަތު އިއުލާންކޮށްފައި ވަނީ ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރު ފެނުމާއި، އަދިވެސް ބައެއް ހަތިޔާރު މަދުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ އަތުގައި ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ހުރިކަމުގެ ކަށަވަރު މައުލޫމާތު ސަލާމަތީ ބާރުތަކަށް ލިބުމާއި ގުޅިގެންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފުރާނައާއި ސަލާމަތާއި ރައްކާތެރިކަމާއި އަދި ގައުމީ ސަލާމަތަށް ނުރައްކާތެރި ހާލަތެއް ކަމުގައި ފެނުނު ހިނދު އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ ލަފަޔާއި މަޝްވަރާ އާއި އެއްގޮތަށް ކަމަށް ގަރާރުގައި ވެއެވެ.
ކުއްލި ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ ގާނޫނަށް އަމަލުކުރުން ވަނީ ހުއްޓާލާފައެވެ.
ކުއްލި ހާލަތު އިޢުލާނު ކުރުމާއި ގުޅިގެން އާންމު ގޮތެއްގައި އަސާސީ ޙައްގުތައް އެއްވެސް ވަރަކަށް ހަނިކޮށްފައި ނުވި ނަމަވެސް، "ފިނިފެންމާ" ލޯންޗް ގޮއްވާލުނުގެ ހާދިސާގައި ތުޙުމަތުކުރެވޭ މީހުންނަށް ވަނީ ގިނަ ޙައްގުތަކެއް ހަނިކުރަން ނިންމާފައެވެ.
އެންމެ ފަހުން ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ 2004 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ޕީޕީއެމް އިން ތާއިދުކުރަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ