ސުޕްރީމް ކޯޓް އަޅަން ދީފައިވާ ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހިންގި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏަށް ސަރުކާރުން އެބިން ދީފައިވީ ނަމަވެސް އެބިމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ސުޕްރީމް ކޯޓަށް އަންގާފައިނުވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓް އަޅަން ދީފައިވާ ބިން ވަކި ފަރާތަކަށް ދިން ކަމަށް މީޑިއާ އިން ރިޕޯޓްކުރި ނަމަވެސް ސަރުކާރުން އެ ބިމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ސިފައެއްގައި އެއްވެސް އެއްޗެއް ސުޕްރީމް ކޯޓަށް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ބިމުގެ މައްސަލައިގައި ސަރުކާރާ އަބަދުވެސް މަޝްވަރާކުރެވި ވާހަކަ ދެކެވޭ ކަމަށް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއަހަރެކޭ އެއްފަދައިން އަންނަ އަހަރުގެ ބަޖެޓްގައި ވެސް ސުޕްރީމް ކޯޓުގެ އާ އިމާރާތް އަޅަން ބޭނުންވާ ފައިސާ ހޯދަން ބަޖެޓުގައި ޖަހާނެ ކަމުގަ އެވެ. އަދި މިސަރުކާރުގެ ވިސްނުން ވެސް ހުރީ ސުޕްރީމް ކޯޓަށް ބިމެއް ދީގެން ސުޕްރީމް ކޯޓަށް ވަކިން އިމާރާތެއް އެޅުމަށް ކަމަށެވެ.
"އަޅުގަނޑު ހަމަ އަޑުއެހިން މިނިސްޓަރު [ހައުސިން މިނިސްޓަރު] ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި އޮތް ހަބަރެއް، އެއީ ނާދީ ހުރި ބިމާ ގުޅޭގޮތުން ސުޕްރީމް ކޯޓާ ވާހަކަދައްކަމުންދާ ކަމަށް. ރައީސް އޮފީހުންނޭ އެމަސައްކަތް ކުރައްވަނީ. ދެން އަޅުގަނޑުމެންގެ ވެސް އުއްމީދަކީ އަދި އިންތިޒާރުގައި ވެސް މިތިބީ ރައީސް އޮފީހުން އަޅުގަނޑުމެންނާ އެކަމުގައި މުއާމަލާތް ކުރާނެ ކަމަށް. މުއާމަލާތްކޮށްފައި އޭގެ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހިންގި ބިން، ހ. ބުލޫހެވަންގައި ފްލެޓް އެޅުމަށް އެ ބިން ހުސްކޮށް އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެ ބިން ޓާޓާ ކުންފުނިން ވަކިކޮށް އެތަނުގައި ސުޕްރީމް ކޯޓް އެޅުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަލުން މިމަހުގެ ތެރޭގައި ބުލޫހެވަންގެ ބިން ޓާޓާ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބުލޫހެވަން ބިން ސުޕްރީމް ކޯޓާ ހަވާލުކުރުމުން އެ ބިމުގައި އަޅާ އިމާރާތް ކުރަހައިދޭނެ ބަޔަކު ހޯދަން ސުޕްރީމް ކޯޓުން އިއުލާންކުރުމުން ބިޑްތަކެއް ލިބުނު ނަމަވެސް އެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ އާ އިމާރާތް އެޅުމަށް މިއަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް ޖަހާފައި އޮތީ ހަތް ލައްކަ ރުފިޔާ ކަމަށެވެ. އަދި ހަމައެކަނި ކޯޓުގެ އިމާރާތް ކުރެހުމަށް ވެސް އެވަރުގެ ހޭދައެއް ކުރަންޖެހޭނެ ކަމަށް ބެލެވޭތީ އެ މަސައްކަތް މިވަގުތަށް ހުއްޓާލީ ކަމުގައިވެސް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓް މިހާރު ހިންގަމުންދާ ކުރީގެ ރިޔާސީ ގަނޑުވަރަކީ އޮފީސް އިމާރާތެއް ގޮތަށް ހަދާފައިވާ ތަނަކަށް ނުވާތީއާއި އަދި ސުޕްރީމް ކޯޓު އެތަނުގައި ހިންގުމަށް ވަކި ހާއްސަ ބަދަލެއް ގެނެސްފައި ނުވާތީ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމުގަ އެވެ. ސުޕްރީމް ކޯޓް ހިންގަމުންދާ ތީމުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އިތުރުން، އިތުރު ތިން މުއައްސަސާއެއް އެތަނުގައި ހިންގަންޖެހިފައިވާތީ އެ ހުރިހާ ތަނަކަށް ވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ.
"ދިރިއުޅުމުގެ ބޭނުންތަކަށް ފަހިވާގޮތަށް އެގޮތަށް ބަލައިގެން ހަދާފައިވާ ތަނެއްތާ މިއީ ދެއްތޯ؟ ގަނޑުވަރެއްގެ ގޮތުގައި ހުރި ތަނެއް މިއީ. ކުރީގެ ރައީސަކު ބޭނުންކުރެއްވި ގެއެއް މިއީ ދެއްތޯ؟ އެހެންވީމާ މިތަން ހުންނާނީ ދިރިއުޅުމުގެ ބޭނުމަށް ފަހިވާގޮތަށްތާ. ކޮޓަރިތަކާއި އަދި އިމާރާތުގެ އެހެނިހެން ކަންކަން ވެސް ހުންނާނީ އެގޮތަށްތާ. އެހެންވީމާ ކޯޓަކަށް އެންމެ ފަސޭހަވާ ގޮތަކަށް ނޫން މިތަން މިހުރީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓާއި އެއްގޮތަށް މާލޭގައި ހިންގާ ގިނަ ސުޕީރިއާ ކޯޓު ތަކަށް ވެސް ޖާގައިގެ މައްސަލަ ބޮޑު ކަމަށެވެ. އަދި ކޯޓު ތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަގުތީ ގޮތުންނާއި ދާއިމީ ގޮތުން އަޅަންޖެހޭ މުހިއްމު ފިޔަވަޅު ތަކެއް ހުރިކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ދިން ބިން އަތުލި ކަމެއް ނާންގާ: އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ