ކްރިމިނަލް ކޯޓުން ނޫސްވެރިންގެ ކާޑު ދޫކޮށް ލުއިތަކެއް!

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތައް އަޑުއަހަން ވަންނަ ފަރާތްތައް ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގައި އަމަލުކުރާނެ "ލުއި" ގޮތްތަކެއް ކަނޑައަޅައި އުސޫލެއް އާންމުކޮށްފި އެވެ. "ޝަރީއަތުގެ މަޖިލީސް އަޑުއަހަން މީހުން ވެއްދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެކުލަވާލާފައި ވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތްތައް ހާމަކަމާއެކު ހިންގުމުގައި ކޯޓުގެ ޖާގައިގެ ދަތިކަން އޮތުމާ އެކުވެސް ނޫސްވެރިންނަށާއި، މައްސަލައިގެ މަސްލަހަތު ހިމެނޭ އިތުރު ފަރާތްތަކަށާއި، އާންމު ފަރާތްތަކަށް ކޯޓު ރޫމުގައި ޖާގަ އޮތްވަރަކުން ފުރުސަތުދީ، ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކުގެ މައުލޫމާތު ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޒިންމާދާރުކަމާއެކު ފެތުރުމަށް މަގުފަހިކޮށްދިނުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އާންމު އުސޫލެއްގެ ގޮތުން ޝަރީއަތްތައް އަޑުއަހަން ދާ ފަރާތްތައް، އެޝަރީއަތެއް ފެށުމުގެ 15 މިނެޓު ކުރިން ޝަރީއަތަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކޮށް ކޯޓަށް ހުށަހަޅަންޖެހޭނެ އެވެ. އަދި ފޯމާއެކު، ޝަރީއަތް އަޑުއަހަން ދާ ފަރާތަކީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ވެސް ހުށަހަޅަން ޖެހޭނެ އެވެ. މީގެކުރިން ނޫސްވެރިން ވެސް އަމަލުކުރަމުން ދިޔައީ އާންމު އުސޫލާ އެއްގޮތަށެވެ. ނަމަވެސް މިހާރު އެކުލަވާލި އުސޫލުގައި ނޫސްވެރިންނަށް ވަނީ އަހަންމިޔަތުކަންދީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކަށް ވަންނަ ނޫސްވެރިންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ. "ނޫސް ރިޕޯޓަރު" ކާޑެއް ދެނީ، ދެން ފޯމު ފުރަން ނުޖެހޭނެ! ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓީވީ ސްޓޭޝަންތަކާއި، ރޭޑިއޯ ޗެނެލްތަކާއި، ނޫސް މަޖައްލާފަދަ ތަންތަނުން ކޯޓުގައި ހިނގަމުންދާ ޝަރީއަތްތައް ކަވަރުކުރުމަށްޓަކައި، ކޮންމެ ޓީވީ ސްޓޭޝަނަކަށާއި، ރޭޑިއޯ ޗެނެލަކަށާއި، ނޫސް މަޖައްލާއަކަށް ވެސް ތިން ރިޕޯޓަރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މިގޮތަށް ކްރިމިނަލް ކޯޓުގައި ރަޖިސްޓްރީވާ ނޫސްވެރިން، ކޮންމެ ޝަރީއަތުގެ އަޑުއެހުމަކަށް ވަނުމަށް ވަކިން ފޯމް ފުރައި ހުށަހަޅަން ނުޖެހޭނެއެވެ. މީގެކުރިން ކޮންމެ ޝަރީއަތަކަށް ވެސް ވަނުމުގެ ކުރިން ނޫސްވެރިން ވެސް ވަކި ފޯމެއް ފުރަން ޖެހެއެވެ. ނަމަވެސް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ ހަބަރު ފަތުރާ ވަސީލަތްތަކާއި، ކޯޓުގައި ރަޖިސްޓްރީކޮށްފައިނުވާ ރިޕޯޓަރުންނަށް ޝަރީއަތުގެ އަޑުއެހުންތަކަށް ވަދެވޭނީ އާންމު އުސޫލުގައިވާ ގޮތަށް 15 މިނެޓު ކުރިން ފޯމު ހުށަހަޅައިގެންނެވެ. ޝަރީއަތުގެ މަޖިލީހަށް ވަނުމަށް އެދޭ ނޫސްވެރިން ކޯޓުގައި ރަޖިސްޓްރީވާނީ އެ ނޫސްވެރިޔަކު ތަމްސީލުކުރާ ފަރާތެއް މެދުވެރިކޮށް، "ނޫސްވެރިން ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ރަޖިސްޓްރީވާން އެދޭ ފޯމު" ގައިވާ މައުލޫމާތު ފުރިހަމަކުރުމުންނެވެ. އެ ފޯމާއެކު ނޫސްވެރިޔާގެ އައިޑެންޓިޓީކާޑުގެ ކޮޕީއަކާއި، ސްޓޭމްޕް ސައިޒްގެ ދެ ފޮޓޯއާއި އެކު ހުށަހެޅުމުން، އެނޫސްވެރިއަކު ކޯޓުގައި ރަޖިސްޓްރީކޮށްދެވޭނެ ކަމަށް އުސޫލުގައިވެއެވެ. ކޮންމެ ނޫސްވެރިޔަކު ވެސް ކޯޓުގައި ރަޖިސްޓްރީވުމަށް "ނޫސް ރިޕޯޓަރު" ކިޔާ ކާޑެއް، އެ ކޯޓުން ނޫސްވެރިޔާއަށް ދޫކުރާނެއެވެ. 15 މިނެޓު ކުރިން ހާޒިރު ނުވިޔަސް އަޑުއެހުމަށް ވަދެވޭނެ! ޝަރީއަތުގެ އަޑުއެހުންތައް ކަވަރުކުރާ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވާ ގަޑީގެ 15 މިނެޓަށް ވުރެ އެންމެ މިނެޓެއް ލަސްވި ނަމަވެސް ކޯޓަށް ނުވަދެވޭކަމުގެ ކަންބޮޑުވުމުވެމެ. ނަމަވެސް މިހާރު އާންމުކޮށްފައިވާ އުސޫލުގައި ބުނެފައި ވަނީ ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިޔަކު ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވާ ގަޑީގެ 15 މިނެޓް ކުރިން ކޯޓަށް ހާޒުރުނުވި ނަމަވެސް، ޝަރީއަތެއް ފެށުމުގެ ކުރިން ކޯޓަށް ހާޒިރުވެ ކޯޓުން ދޫކޮށްފައިވާ "ނޫސް ރިޕޯޓަރު" ކާޑު ދެއްކުމުން އެޝަރީއަތުގެ މަޖިލީހެއްގައި ޖާގަ އޮތްވަރަކުން، ނޫސްވެރިންނަށް ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. މިގޮތަށް ޝަރީއަތުގެ މަޖިލީހުގައި ޖާގައޮތް މިންވަރަކުން މަޖިލީހަށް ވަނުމުގެ ފުރުސަތުދޭއިރު އިސްކަން ދޭނީ ނޫސްވެރިން ކޯޓަށް ހާޒިރުވާ ތަރުތީބުންނެވެ. ނޫސްވެރިންނަށް ގަލަމާއި ނޯޓުފޮތް ވެއްދޭނެ! ނޫސްވެރިންގެ އަމިއްލަ ގަލަމާއި ގަނޑު ނުވަތަ ނޯޓުފޮތް ކޯޓަށް ނުވެއްދުމަކީ ވެސް ކޯޓު ކަވަރުކުރާ ނޫސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ. މީގެ ކުރިން ނޫސްވެރިންނަށް އަމިއްލަ ގަނޑާއި ގަލަން ކޯޓަށް ވެއްދުނު ނަމަވެސް، ފަހަކަށް އައިސް ނޫސްވެރިންނަށް ނޯޓު ކުރާނެ އެއްޗެހި ފޯރުކޮށްދެނީ ކޯޓުންނެވެ. ސިވިލް ކޯޓު ފިޔަވައި އެހެން ހުރިހާ ކޯޓުތަކުގެ ޝަރީއަތުގެ މަޖިލިސްތަކަށް ނޫސްވެރިންނަށް ނޯޓު ފޮތް ވެއްދުން މަނަލެވެ. އެެހެންނަމަވެސް، ނޫސްވެރިއެއްގެ ހައިސިއްޔަތުން ކްރިިމިނަލް ކޯޓު، ހައިކޯޓު، އަދި ސުޕްރީމް ކޯޓަށް ވަންނަ ނަމަ އެ ކޯޓުން ޝަރީއަތުގެ މަޖިލީހުގެ ތެރޭގައި ނޯޓު ކުރަން އޭ4 ސައިޒު ގަނޑާއި ފަންސުރު ނުވަތަ ގަލަން ދެއެވެ. މިއަދު އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ކޯޓުގައި ރަޖިސްޓްރީވެފައިވާ ނޫސްވެރިޔަކު، ޝަރީއަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަތައް ލިޔެ ނޯޓު ކުރުމަށްޓަކައި، އެކަމަށް ބޭނުންވާ ފޮތް ފަންސުރު ފަދަ ތަކެތި ވެއްދުމުގެ އިހްތިޔާރު އެ ނޫސްވެރިޔަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން އާދައިގެ ގަލަމަކާއި، ފަންސުރު، ގަނޑު ނުވަތަ އާދައިގެ ނޯޓުފޮތް ކޯޓަށް ވެއްދުމުގެ އިހްތިޔާރު މިހާރު ނޫސްވެރިންނަށް ވަނީ ދީފައެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިނަށާއި، ރަޖިސްޓްރީ ނުކުރާ ނޫސްވެރިންނަށްވެސް އެފަރާތުން ބޭނުންވެއްޖެނަމަ ލިޔެ ނޯޓްކުރާނެ ތަކެތި ކޯޓުގެ އިދާރީ މުވައްޒަފުން ފޯރުކޮށްދޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. ނަމަވެސް އަޑު ރެކޯޑުކުރެވޭ ނުވަތަ ވީޑިއޯ ކުރެވޭ ގަލަމާއި، ޝަރީއަތުގެ ރެކޯޑު ސިސްޓަމަށް ބުރޫ އަރާފަދަ އެއްވެސް އާލާތެއް، ނުވަތަ މީހަކަށް ހަމަލާއެއް ދެވިދާނެ ފަދަ އެއްވެސް އާލާތެއް ޝަރީއަތުގެ މަޖިލީހަށް ވެއްދުމަކީ މަނާކަމަކެވެ. އަދި އެފަދަ އެއްޗެއްކަމަށް ޝައްކުކުރެވޭނަމަ، އެ އެއްޗެއް ޝަރީއަތަށް ނުވެއްދުމަށް އެންގުމުގެ ބާރު ކޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ މުވައްޒަފުންނަށް ވަނީ ލިބިދީފައެވެ. އެއްޗެއް ނުވެއްދުމަށް ކޯޓުގެ އިދާރީ މުވައްޒަފުން އެންގުމުން އެކަމަށް ދެކޮޅު ހަދައިފިނަމަ، ނުވަތަ އެފަދަ އެއްޗެއް ވެއްދިކަން ފަހުން އެނގިއްޖެނަމަ، އެ ނޫސްވެރިޔަކު އިތުރަށް ޝަރީއަތުގެ މަޖިލީސްތަކަށް ނުވަދެވޭ ގޮތަށް ހެދުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އެއް ނޫހަކުން ނުވަތަ އެއް ސްޓޭޝަނަކުން އެކަކަށްވުރެ ގިނަ ނޫސްވެރިން ޝަރީއަތުގެ އަޑުއެހުމަށް ވަންނަ ބޭނުންވާނަމަ، ޖާގަ އޮތް މިންވަރަކުން އެފުރުސަތު ލިބޭނެ ކަމަށް އޮތް ނަމަވެސް، ކޯޓުން އަހުމިއްޔަތުކަން ދޭނީ ވީހާވެސް ގިނަ ނޫސްތަކަށް ނުވަތަ ސްޓޭޝަންތަކަށް އެފުރުސަތު ލިބޭނޭ ގޮތަކަށް އިންތިޒާމު ކުރުމަށް ކަމަށް އުސޫލުގައި ވެއެވެ. ކޯޓުގައި ރަޖިސްޓްރީ ކުރާ ނޫސްވެރިން ބައެއް ހާލަތްތަކުގެ އެ ރަޖިސްޓްރީން އުނިކުރެވިދާނެއެވެ. އެއީ: ރިޕޯޓަރަކު ރަޖިސްޓްރީއިން އުނިކުރުމަށް އެރިޕޯޓަރަކު ނިސްބަތްވާ ޓީވީ، ރޭޑިއޯ، ނޫސް މަޖައްލާ އަކުން އެދުން ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުން ނޫސްވެރިޔާ ތަމްސީލުކުރާ ނޫސް އޭޖެންސީ ނުވަތަ ޓީވީ / ރޭޑިއޯ ސްޓޭޝަނަކުން ވަކިވުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ސަސްޕެންޑްވުން ނުވަތަ ބާތިލުވުން ނޫސްވެރިޔަކު އޭނާ ތަމްސީލްކުރާ ނޫސް އޭޖެންސީ އަކުން ނުވަތަ ޓީވީ/ރޭޑިއޯ ސްޓޭޝަނަކުން ވަކިވެއްޖެނަމަ، ފަސް ދުވަހުގެ ތެރޭގައި އެ އޭޖެންސީއަކުން ނުވަތަ ސްޓޭޝަނަކުން ކްރިމިނަލް ކޯޓަށް ސިޓީއަކުން އަންގަން ޖެހޭނެއެވެ. ކްރިމިނަލް ކޯޓުން ނޫސްވެރިންނަށް ފަސޭހަވާނެ ގޮތަށް އުސޫލެއް އުކުލަވާލައި އާންމުކޮށްފައި ވާއިރު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ޝަރީއަތުގެ މަޖިލިސްތަކަށް ވަންނަ ނޫސްވެރިންނަށް އިދާރީ ލުއިތަކެއް ފޯރުކޮށްދީ، ނޫސްވެރިންގެ އަމިއްލަ ނޯޓު ފޮތް ވައްދަން ފުރުސަތު ދޭން ޖެހޭ ކަމަށް ކުރިން ވިދާޅުވެފައެވެ. މިއަދު ޕީޖީ އޮފީހުން ބުނެފައި ވަނީ މިއީ ވަރަށް ރަނގަޅު، އަދި މުހިންމު ނިންމުމެއް ކަމަށާއި ޝަރީއަތުގެ ހާމަކަން އިތުރު ކުރުމަކީ އިތުބާރު އިތުރު ކުރަން އެޅޭ އަސާސީ ފިޔަވަޅެއް ކަމަށެވެ. އެހެން ކޯޓުތަކުންވެސް މިނަމޫނާއާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ