ދައުލަތުގެ ބަޖެޓަށް ލިބޭނެ ކަމަށް ބެލެވުނު ފައިސާ އިން 150 މިލިއަން ރުފިޔާ ނުލިބޭނެ: ފިނޭންސް

ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލްގެ ކަންތައް ރައްޔިތުންގެ މަޖިލީހުން ނިމިފައި ނުވާތީ ދައުލަތުގެ ބަޖެޓުން މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ 150 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އޮކްޓޫބަރު ،1 2009 އިން ފެށިގެން ކުޑަކުރި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިޔާދަ ކުރުމާ ގުޅޭ ގޮތުން ފިނޭންސުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މި އަހަރުގެ ބަޖެޓުގެ ޑެފިސިޓަކީ 14.8 ޕަސެންޓު ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުން ބަޖެޓް ފާސްކުރިއިރު ޑެފިސިޓް ވަނީ 18.8 ޕަސެންޓަށް އަރާފައި ކަމަށް ފިނޭންސުގެ ބަޔާނުގައި ވެ އެވެ. އަދި އަހަރު ނިމޭއިރު ބަޖެޓުގެ ޑެފިސިޓު އިތުރުވާނެ ކަމަށް ވެސް ފިނޭންސުން ބުނެ އެވެ.
"މީގެ މައިގަނޑު ސަބަބަކީ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގައި ހިމެނޭ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ ގާނޫނީ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި ނުވާ ކަމެވެ. މި މިނިސްޓްރީން ދައުލަތުގެ އާމްދަނީގެ ހިސާބުތައް ތައްޔާރު ކޮށްފައި ވަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ ގާނޫނު 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފާސްވެ، އެ ޓެކްސްއިން ލިބޭ އާމްދަނީ 2010 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ލިބޭނެ ކަމަށް ބަލައިގެންނެވެ. އެހެން ނަމަވެސް މި ބިލު އަދިވެސް ފާސްނުވެ އޮތުމާ އެކުގައި، ދައުލަތަށް ލިބޭ އާމްދަނީ މިހާރު ލަފާކޮށްފައިވާ އަދަދަށް ވުރެ މަދުވާނެ އެވެ،" ފިނޭންސުގެ ބަޔާނުގައި ވެ އެވެ.
ފިނޭންސުން ބުނީ ޗުއްޓީ އަށް ފަހު މަޖިލިސް ފެށުމުން ޓެކްސްގެ ބިލް ފާސް ވިޔަސް ޓެކްސްގެ ގޮތުގައި ގިނަވެގެން ލިބޭނީ ތިން މަސް ދުވަހުގެ އާމްދަނީ ކަމަށެވެ.
ފިނޭންސުން ބުނީ ދައުލަތުގެ ހަރަދުތައް އިންތިހާ އަށް އިތުރުވެ ޑެފިސިޓް އިތުރުވުމުން ޑެފިސިޓް ފޫބެއްދުމަށްޓަކައި ސަރުކާރަށް އޮތީ ހަތަރު ގޮތެއް ކަމަށެވެ. ފުރަތަމަ ގޮތަކީ ދިވެހި ރުފިޔާ ޗާޕްކުރުން ކަމަށްވާއިރު އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަން ފިނޭންސުން ފާހަގަ ކުރެ އެވެ. އަދި ދިވެހި ރުފިޔާ ޗާޕް ކުރިޔަސް އޭގެ ސަބަބުން އިންފްލޭޝަން އިތުރުވެ އިގުތިސޯދުގައި ދައުރުވާ މަދު ޑޮލަރު ފަހައި ދުވާ ރުފިޔާ އިތުރުވެ ޑޮލަރުގެ ދަތިކަން އިންތިހާ އަށް ބޮޑުވެގެންދާނެ ކަމަށް ފިނޭންސުން ބުނެ އެވެ.
ޑެފިސިޓް ފޫބެއްދުމަށް އޮތް ދެވަނަ ގޮތަކީ ފިނޭންސުގެ ބަޔާނުގައިވާ ގޮތުން ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދުމެވެ. އަދި ފުރަތަމަ ލަފާކުރި ޑެފިސިޓް ފޫބެއްދުމަށްޓަކައި އައިއެމްއެފާއި ވޯލްޑް ބެންކާއި އޭޑީބީއާ އެކު މަޝްވަރާކޮށް ލޯނު ނެގުމަށް އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް ދެމެހެއްޓެވނިވި ގޮތަކަށް ދައުލަތުގެ އާމްދަނީ އިތުރު ނުކުރެވެނީސް އެކަން ކުރެވެން ނެތްކަން ފިނޭންސުން ފާހަގަ ކުރެ އެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތަކަށް ދައުލަތުގެ އާމްދަނީ އިތުރު ނުކުރެވެނީސް މުވައްޒަފުންގެ މުސާރަ އިޔާދަކުރުމުން ބަޖެޓުގެ ޑެފިސިޓް އިތުރުވުމަކީ ދެމެހެއްޓެނިވި އިގުތިސޯދީ އަދި މާލީ ސިޔާސަތެއް ނޫން ކަމަށް ފިނޭންސުން ބުނެ އެވެ. އެހެންވެ ބައިނަލްއަގްވާމީ އިދާރާތަކުން ވެސް މިހާރު ރާއްޖެއަށް އެހީ ދިނުމާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާންޖެހޭނެކަން އަންގާފައިވާ ކަމަށް ވެސް ފިނޭންސްގެ ބަޔާނުގައި ވެ އެވެ.
"މި ގޮތުން ފާހަގަ ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ދަރަނި، ދުނިޔޭގެ މާލީ އިދާރާ އިން ގަބޫލުކުރާ މިންގަނޑެއްގައި ނުހިފަހައްޓާނަމަ ވޯލްޑް ބޭންކުން ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ދެ އަހަރެއްގެ މަތިން ދޭން އެއްބަސްވެފައިވާ 307 މިލިއަން ރުފިޔާ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ދިނުމަށް އެއްބަސްވެފައިވާ 448 މިލިއަން ރުފިޔާ (މުޅި ޖުމުލަ 755 މިލިއަން ރުފިޔާ) ގެއްލި ދިއުމުގެ އިތުރަށް ވޯލްޑް ބޭންކުގެ އެހީގައި މި އަހަރުގެ މާޗް މަހު ބާއްވަން ހަމަޖެހިފައިވާ ޑޯނާ ފޯރަމް ނުވަތަ އެހީދޭ ގައުމުތަކާއި އެކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ކެންސަލްވެ، އެ ފަރާތްތަކުން ރާއްޖެއަށް އެހީ ލިބުމުގެ މަގު ބަންދުވެގެންދާނެ ކަމެވެ،" ފިނޭންސްގެ ބަޔާނުގައި ވެ އެވެ.
ޑެފިސިޓް ފޫބެއްދުމަށް އޮތް ތިންވަނަ ގޮތަކީ ފިނޭންސުން ބުނާ ގޮތުގައި ރާއްޖޭގެ މާލީ ބާޒާރުން ލޯނު ނެގުމެވެ. އެ ލޯނުތައް ނަގަނީ ޓްރެޝަރީ ބިލު ނުވަތަ ޓްރެޝަރީ ބޮންޑުގެ ގޮތުގައި ކަމަށްވާއިރު އެގޮތަށް ފައިސާ ހޯދުމުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ދޭ ލޯނުތައް މަދުވާނެކަން ފިނޭންސުން ފާހަގަ ކުރެ އެވެ. އަދި ޓްރެޝަރީ ބޮންޑުގެ ސަބަބުން އިންޓަރެސްޓް ރޭޓް މަތިވެ، އަމިއްލަ ފަރާތްތަކަށް ލޯނު ލިބޭ މިންވަރު މަދުވެ، އިގުތިސޯދީ ދުވެއްޔަށް ހީނަރުކަން ލިބިގެންދާނެކަމަށް ފިނޭންސުން ބުނެ އެވެ.
ހަތަރުވަނަ ގޮތަކީ ދިވެހި ރުފިޔާގެ އަގު ދަށަށް ޖެއްސުން ކަމަށް ފިނޭންސުން ފާހަގަ ކުރާއިރު އެއީ ވެސް މެދު ރާސްތާއަށް ބަލާއިރު އިންފްލޭޝަން އިތުރުވެގެންދާނެ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
"އެއީ ދިވެހި ރުފިޔާ އިން ލިބޭ ޑޮލަރު މަދުވުމުން، ރާއްޖެ އަށް އިމްޕޯޓް ކުރެވޭ ތަކެތީގެ އަގުތައް މަތިވެ ދިރިއުޅުމުގެ އަގު އެތައް ތަނަކުން މައްޗަށް ޖެހި، މުސާރަ އާއި އުޖޫރައިން ކުރެވޭ ހޭދަ ނިސްބަތުން ދަށްވެގެންދާނެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގުތައް އިތުރު ނުވެއްޖެ ނަމަ، ކުރު މުއްދަތުގައި ރާއްޖޭގެ އެކްސްޕޯޓްސް ކޮންމެވެސް ވަރަކަށް މަތިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ،" ފިނޭންސްގެ ބަޔާނުގައި ވެ އެވެ. "މިހެން ކަމުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ އެންމެ ބުއްދިވެރި އަދި އިގުތިސޯދީ ގޮތުން އެންމެ ހަމަޖެހޭ ގޮތް ކަމަށް މި މިނިސްޓްރީން ދެކެމެވެ. އަދި ހަރަދުތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މުވައްޒަފުންގެ އިނާޔަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ އާމްދަނީ އިތުރު ކުރެވެންދެން ކުޑަކޮށް ބަހައްޓަން ޖެހެ އެވެ. މިއީ ދަތި އުނދަގޫ ކަމެކެވެ."
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އުޖޫރަ މި މަހުން ފެށިގެން އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން ފިނޭންސުން އިގުތިސޯދީ ވިސްނުމެއްގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު ބަޔާނެއް ނެރުނު ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) ބުނެފައި ވަނީ އިގުތިސޯދީ ހާއްސަ ހާލަތާ ގުޅޭ އެންމެ އަސާސީ މައުލޫމާތުތައް ވެސް އެ މިނިސްޓްރީން މިހާތަނަށް ދީފައި ނުވާ ކަމަށެވެ. އެހެންވެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ކުޑަކުރި ތިން މަސް ދުވަހުގެ މުއްދަތުގައި އިގުތިސޯދީ ހާއްސަ ހާލަތު ދިރާސާކޮށްފައި ވަނީ ދައުލަތުގެ އާމްދަނީގެ ހިސާބުތައް ސީއެސްސީން ހޯދާފައި ވަނީ ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ މި އަހަރުގެ ބަޖެޓް ބަޔާނާއި އެ ބަޔާނާ އެކު ހުށަހެޅުއްވި ލިޔެކިޔުންތަކުން ކަމަށް ސީއެސްސީން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ