ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ކާށިދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ވެސް މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރާ ދައުވާގެ ޝަރީއަތް ހިންގުމަށްޓަކައި ޕީޖީ އޮފީހަށް އިއްޔެ ޗިޓު ފޮނުވުމުން ނާޒިމްގެ ޗިޓު ބަލައިގެންފައި ހަމީދުގެ ޗިޓް އަނބުރާ ފޮނުވާލާފައިވާ ކަމަށް ޖިނާއީ ކޯޓުން މިއަދު ބުނެފި އެވެ.
އަމިއްލަ މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގަތުމަށްފަހު ފަހުން އެމްޑީޕީ އަށް ސޮއި ކުރައްވާފައިވާ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލައިގެ ޗިޓު ޕީޖީ އޮފީހުން އަނބުރާ ފޮނުވާލީ "އެ މައްސަލައަށް ނުކިޔޭނެ" ކަމަށް ބުނެފައި ކަމަށް ޖިނާއީ ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވެ އެވެ. ނަމަވެސް ޕީއޭގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ މައްސަލައިގެ ޗިޓް ބަލައިގެންފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އިސްމާއިލް އަބްދުލްހަމީދުގެ ޗިޓް އަނބުރާ ފޮނުވާލި ކަމެއް ކަނޑައެޅިގެން ވިދާޅުވާން ނޭނގޭ ކަމަށެވެ. ނަމަވެސް ދެ މައްސަލައެއްގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑި ފުށުއަރާ ކަމަށްވާ ނަމަ އެ ޗިޓު ފޮނުވާލާފައި އޮވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރަށް އޭނާ ވިދާޅުވީ މިހާރު ހަމީދުގެ މައްސަލަ އެހެން ދުވަހަކަށް ތާވަލްކޮށް އެކަން ހަމަޖެހިފައިވާ ކަމަށެވެ.
"ކުރީގައި (ޖިނާއީ ކޯޓުން) ފޮނުވި ކޯޓު އަމުރެއް ފަހަރެއްގައި ގަޑި ފުށުއަރައިގެން އެ ވަޑައިގަންނަވާ ވަކީލުގެ އެއް ގަޑިއަކަށް ދެ މައްސަލައެއް އޮވެގެން ފަހަރެއްގައި ފޮނުވާލެވިފައި އޮވެދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ. "އެ އަމުރު ފޮނުވާލި ކަމެއް ވެސް ސީދާ ބުނާކަށް ނޭނގޭ."
ޕީޖީ އޮފީހުން އެހެން ވިދާޅުވި ނަމަވެސް ޖިނާއީ ކޯޓުން އެ މައްސަލައިގައި ބުނީ އިއްޔެގެ އަމުރު ޕީޖީ އޮފީހުން ފޮނުވާލި ފަހުން ކޯޓުން މިހާތަނަށް އިތުރު އަމުރެއް ނެރެފައިނުވާ ކަމަށެވެ. އަދި އެހެން ދުވަހަކަށް ބޭއްވުމަށްޓަކައި އެ މައްސަލަ ހަމަޖެހިފައިނުވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ހަމީދުގެ މައްޗަށް ޕީޖީން ދައުވާ ކުރަނީ ވޭސްޓު މެނޭޖްމެންޓް ސެކްޝަނަށް ގެނައި 8.6 މިލިއަން ރުފިޔާގެ ބާ ކޮޅުވެއްޓިއެއްގެ މައްސަލައިގަ އެވެ. އޭރު މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނެވީ ހަމީދެވެ.
ނާޒިމްގެ މައްޗަށް ދައުވާ ކުރަނީ، މިސްކިތްތަކަށް ބޭނުންވާ ސައުންޑް ސިސްޓަމްތަކެއް ގަތް މައްސަލަ އާއި 1.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ގަނެފައިވާ 15،000 ދިދައިގެ މައްސަލަ އާއި ބަނދަރު ބައްތީގެ މައްސަލައިގަ އެވެ.
މައްސަލަ ހިންގުމަށް ޕީޖީ އޮފީހަށް ކޯޓުން ޗިޓް ފޮނުވުމުން ނާޒިމްގެ ޗިޓް ބަލައިގެންފައި ހަމީދުގެ ޗިޓް ބަލައެއް ނުގަތް: ޖިނާއީ ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ