އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފަށް: ޑރ. ޖަމީލް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކޮށްފައި ވަނީ ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފަށް ކަމަށް ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ތަފާތު ތިން ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކުރުމަށް ފަހު، ދޫކޮށްލި ފަހުން ފުރަތަމަ ފަހަރަށް ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވި ގޮތުގައި، އެމްއެންޑީއެފުން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ބައިނަލްއަގްވާމީ ސިޔާސީ އަދި މަދަނީ ހައްގުތަކާ ބެހޭ މުއާހަދާ އާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފަށެވެ.
"އަނެއްކާ ބައިނަލްއަގްވާމީ މި ދެންނެވި މުއާހަދާތަކަކީ އެ މައްޗަށް އަޅުގަނޑުމެން އަމަލުކުރުން ލާޒިމް މުއާހަދާތަކެއް އަދި އަޅުގަނޑުމެން ބައިވެރިވެ އޭގެ އިތުރުން އަޅުގަނޑުމެންގެ ގާނޫނުގެ އަސާސީގެ 69 ވަނަ މާއްދާ އާއި 68 ވަނަ މާއްދާއިން އެބަ ލާޒިމްކުރޭ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަޅުގަނޑުމެން ބަލަންޖެހޭ ކަމަށް ވެސް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށްވާއިރު، ސަރުކާރުގެ އެ އަމަލަކީ އޭގެ ޒާތަށް ބަލާއިރު، ރާއްޖޭގެ ގާނޫނު އަސާސީގައި ހަމަޖެހިފައި ހުރި އިންތިޒާމްތައް، މުޅިން "ފުނޑުފުނޑުކޮށްލި އަމަލެއް" ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނު އަސާސީގެ އިންތިޒާމް ހަމަޖެހިފައި އޮތީކީ ހަމައެކަނި ހުސް ރައީސުލްޖުމްހޫރިއްޔާއަށް ބައްޓަންކޮށްފައި އޮތް ގާނޫނު އަސާސީއެއް ނޫން. މި ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހުރީ ވަކި ބާރުތަކެއް. ރައްޔިތުންގެ މަޖިލީހަށް އެހެން ބާރުތަކެއް ދީފައި އެ އޮތީ. ދެން ޝަރުއީ ކޯޓުތަކަށް ބާރުދީފައި އޮތީ. އެހެންވީމަ މި ފެނިގެން ދިޔައީ ޝަރުއީ ކޯޓުތަކުގެ މުސްތަގިއްލުކަމަށް އަރައިގަތުން. ޝަރުއީ ކޯޓުތަކުގެ މިނިވަންކަމަށް އަރައިގަތުން. އެއީ ހަގީގަތުގައި އަޅުގަނޑުމެން ބައިވެރިވެފައިވާ ވަރަށް ގިނަ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފު ކަމެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގެ އަސާސީ އުސޫލު 1985 ގައި އދ. އިން ކަނޑައަޅާފައިވާއިރު، އެއްވެސް ފަރާތަކުން ނުރަނގަޅު ނުފޫޒެއް ޝަރުއީ ދާއިރާއަށް ފޯރުވައިގެން ނުވާނެ ކަމަށް އޭގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ، ކަމަކާ ހިތްހަމަނުޖެހުމުން "ގޮށްމުށުގެ" ބާރު ދެއްކުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ކަން ހިނގާ ގޮތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ