ކާޑުގެ ބާވަތްތަކުގެ ތެރެއިން ހަނޑުލުގެ އަގު ބޮޑުކުރަން ވިސްނަވަމުން ގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެންބަރުންނާ ބައްދަލުކޮށްލެއްވުމަށް އެ ޕާޓީގެ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކާޑުގެ ތެރެއިން ހަނޑޫ އަދި އާންމު ހިދުމަތްތަކުގެ ތެރެއިން ކަރަންޓުގެ އަގު ބޮޑުކޮށްފައި މަދު އާމްދަނީއެއް ލިބޭ މީހުންނަށް ސަރުކާރުން އެހީތެރިވެ ދިނިއްޔާ، އެހީތެރިކަން ހައްގުވާ މީހުންނަށް މާ ފުރިހަމަ އަށް ހައްގު ދެވޭނެ ކަމަށެވެ. އަދި މިހާރު ރާއްޖެ އަށް ހަނޑޫ އެތެރެކުރާ އިރު ކިލޯއަކަށް ހަތް ރުފިޔާ ޖެހުނު ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ހަނޑޫ ވިއްކަނީ ހަތަރު ރުފިޔާ ލާރިކޮޅަކަށް ކަމަށާއި އެ ދެމެދުގައިވާ ލާރިކޮޅު ހޭދަކުރަނީ އެންމެންގެ ޖީބުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ ހަނޑޫގެ އަގު ބޮޑުކުރަން. ބޮޑުކޮށްފައި އާމްދަނީ މަދު މީހުންނަށް ވަކިން އެ ތިން ރުފިޔާ އަޅުގަނޑުމެން ސިޓީއުރައަކަށް ލާފައި ދޭނީ. އޭރުން އަޅުގަނޑުމެނަށް ސީދާ ހައްގު މީހުންނަށް ހައްގު އެހީ ދެވޭނީ. އަޅުގަނޑުގެ ހަނޑޫ ކިލޯއަކުން ތިން ރުފިޔާ ނުވަތަ ދެ ރުފިޔާ ބޮޑުވިޔަސް ވެސް، އަޅުގަނޑަށް މާ ބޮޑު އެނގުމެއް ނާންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް މިހާރު މި އޮތް ހަތަރު ރުފިޔާ ދައްކަން ވެސް އުނދަގޫ ކިތަންމެ ރައްޔިތުންނެއް އެބަ އުޅޭ ކަމަށާއި އެފަދަ ނިކަމެތިންނަށް އެއްޗެއް ދެވޭ ގޮތްވެއްޖެ ނަމަ، އެއީ މާ ބޮޑު އިންސާފަކަށް ވާނޭ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މި ކަންކުރަމުން އަންނަ ގޮތާ ހިލާފަށް އެ މަގަށް އަޅުގަނޑުމެންނަށް އަނބުރާލެވިއްޖެ ނަމަ އެއިން އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭ އިންސާފު އެތައް ގުނައަކުން ބޮޑުވެގެންދާނެ." ރައީސް ވިދާޅުވި އެވެ. "މިހާރު ރާއްޖެ އަށް އެތެރެކުރާ ހަނޑޫ ކިލޯއެއްގެ އަސްލު އަގަކީ ހަތް ރުފިޔާ. ސަރުކާރުން، އެސްޓީއޯ އިން ހަނޑޫ ކިލޯއެއް ވިއްކަނީ ހަތަރު ރުފިޔާ ލާރިކޮޅަކަށް. ހަތަރު ރުފިޔާ އާއި ހަތް ރުފިޔާއާ ދެމެދުގައި އެވާ ރުފިޔާކޮޅު ހަރަދުކުރީ އަޅުގަނޑުމެން އެންމެންގެ ޖީބުން."
ރައީސް ވިދާޅުވި ގޮތުގައި ހަނޑޫ ގަންނަ އަގާއި ވިއްކާ އަގާ ދެމެދުގައި އެވާ ފައިސާގެ ބޮޑު ބައެއް ދެނީ ރާއްޖެ އަށް ޒިޔާރަތްކުރާ ހަތް ލައްކަ ޓޫރިސްޓުންނަށެވެ. އެންމެ ގިނަ ހަނޑޫ ރާއްޖޭގައި ބޭނުންކުރާ އެއް ބަޔަކީ ޓޫރިސްޓުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ މީހުންގެ ހަނޑުލަށް އަޅުގަނޑުމެންގެ ޖީބުން ތިން ރުފިޔާ ނަގާފައި ދޭންވީ ސަބަބެއް ހަމަ އަޅުގަނޑަކަށެއް ނުވިސްނޭ. އަދި ރާއްޖޭގައި މަސައްކަތްކުރާ އެހެން ވެސް ކިތަންމެ ބޭރު މީހުންނަކަށް އަޅުގަނޑުމެންގެ ރައްޔިތުންގެ ޖީބުން ތިން ރުފިޔާ ނަގާފައި ކޮންމެ ފަހަރަކު ހަނޑޫ ކިލޯއެއް ގަންނަ އިރުގައި ދިނުމުގެ މާނެއް އަޅުގަނޑަކަށެއް ނުވިސްނޭ."
ރައީސް ނަޝީދު ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އިތުރުން ކަރަންޓުގެ ހިދުމަތް ވެސް
އޮތީ އެފަދަ ގޮތަކަށް ކަމަށާއި ސަރުކާރުގެ އޮފީސްތަކުންނާއި ވިޔަފާރިކުރާ ތަންތަނުން ވެސް އަދި އެންމެ އާދައިގެ ގެއަކުން ވެސް ކަރަންޓު ފީގެ ގޮތުގައި ނަގަނީ ދާދި އެއް ރޭޓަކުން ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.
"އެހެންވީމާ ސަރުކާރުން ކޮންމެ އަހަރަކު 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަ ކަރަންޓުގެ އެހީ ދިނުމަށްޓަކައި ނުވަތަ ސަބްސިޑައިޒް ކުރުމަށްޓަކައި އެބަ ސްޓެލްކޯ އަށް ހަރަދަކުރަންޖެހޭ. އަޅުގަނޑަށް މާ ރަނގަޅު، އާމްދަނީ މަދުން ލިބޭ ގެދޮރު ފާހަގަވީމާ، އެ ގެދޮރަށް ވަކިން ،500 600 ރުފިޔާ ފޮނުވޭ ގޮތް ވިއްޔާ، މި 600 މިލިއަން ]ރުފިޔާ[ އެއްފަހަރާ ސްޓެލްކޯ އަށް ދިނުމަށް ވުރެ."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކަރަންޓުގެ އަގު ބޮޑުކޮށް އަދި އާމްދަނީ މަދުން ލިބޭ ގޭގެ އަށް ކަރަންޓުގެ އެހީ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މި އެދޭ އިންސާފުވެރި މުޖްތަމައެއް ބިނާކުރުމުގައި އެހީތެރިކަމެއް ލިބިދާނެ ކަމެއް ކަމަށް އެ މަނިކުފާނަށް ފާހަގަކުރެވެ އެވެ. ކަރަންޓާއި ކާޑުގެ ކަންތައް މިވަނީ ނުނިންމިފައި ކަމަށާއި އެކަން ނިންމާން ނުކުރި އަދި އެ ގޮތަށް އެ ވާހަކަ ދައްކާން ވެސް ނުކުރިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަނޑުލާއި ކަރަންޓުގެ އަގު ބޮޑުކުރަން ވިސްނަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ