އެންމެ މުހިންމީ ނޫސްވެރިކަމުގެ މިނިވަންކަން: ނަޝީދު

ރާއްޖެއަށް އެންމެ މުހިއްމީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާއާ ގުޅޭ ގޮތުން އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
Noting concerns expressed by media freedom and human rights groups about the Evidence Bill in Majlis: The feature relating to journalists is based on an Australian model but the AG feels that it can be amended. Press freedom in Maldives must be our first priority always.— Mohamed Nasheed (@MohamedNasheed) September 28, 2021
ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ.
ބިލު މިހާރު އޮތްގޮތުން އެ ދެ ހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނެ އެވެ. އެހެންވެ އެ މާއްދާ އުނިކުރުމަށް ރާއްޖެ އާއި އަދި ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހިމެނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށްފައި ކަމަށެވެ. ނަމަވެސް އެ މާއްދާ އިސްލާހު ކުރެވިދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށެވެ.
" ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ