އަބްދުﷲ ކަމާލުއްދީން އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފިއެވެ.މިއަދުގެ ވަގުތެއްގައި ކަމާލުއްދީން ނެރުއްވި ނޫސްބަޔާނެއްގައި، އެމަނިކުފާނުވަނީ އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި، ދައުލަތުގެ ބާރުތައް ވަކިކުރެވިގެން ދިޔަނަމަވެސް ގައުމުގައި ހައްލުނުކުރެވިހުރި އެތައް މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެފައެވެ.އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދެމެހެއްޓުމުގެ އިތުރުން، ރައްޔިތުން ފަރުދީގޮތުން ބާރުވެރި ކުރުވައި ގައުމުގެ އިޖުތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށްޓަކައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދަށް އައުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެދެނީ ރާއްޖެ، އިސްލާމީ ހަމަތަކާއި މިނިވަންކަމުގެ މަތީގައި ލެއްވުމަށްކަމަށާއި، ރައްޔިތުންގެ ހިތްތަކަށް ލުއި ދިނުމަށް ކަމަށް ކަމާލުއްދީން ވިދާޅުވެފައިވެއެވެ.ކަމާލުއްދީން މީގެ ކުރީން ހުންނެވީ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ މެންބަރެއްގެ ގޮތުގައެވެ. އޭނާ އެ ޕާޓީ ދޫކޮށްލެއްވީ މިދިޔަ މަހުގެ 29 ގައެވެ.ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަމާލުއްދީން ވަނީ ޑީއާރުޕީގެ އިތުރުން ޖޭޕީގައިވެސް މަސައްކަތް ކުރައްވައިފައެވެ. އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.ކަމާލުއްދީން މީގެކުރިން ރައްޔިތުންގެ މަޖިލުގެ އިންތިހާބުގައި ވެސް ވާދަކުރެއްވިއެވެ. އެކަމަކު، އޭނާ އަށް އިންތިހާބު ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ."މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔާޑް މުހައްމަދު ނާޒިމް ވެސް ވަނީ ޕާޓީއެއް އުފައްދަވަން ނިންމަވާ އެ މަސައްކަތް ފައްޓަވާފަ އެވެ.މިހާރުވެސް ރާއްޖޭގެ ރެޖިސްޓާ ކޮށްގެން ހިންގާ ޖުމްލަ 10 ސިޔާސީ ޕާޓީއެއް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ