ރަމަޟާން މަހަށް ސަލްމާން މިސްކިތް ހުޅުވަން ފައިސާ ދޭން އެދިއްޖެ

ކިންގް ސަލްމާން މިސްކިތް ހުޅުވަން ހިނގާ ޚަރަދުތައް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެދިވަޑައިގެންފިއެވެ. އެ ކަމަށް އެދި މިދިޔަ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ރައީސަށް ފޮނުއްވައިފައިވާ ސިޓީ "ސަން"އަށް ވަނީ ލިބިފައެވެ. އެ ސިޓީގައި ވަނީ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވައި ބޭނުންކުރުން ލަސްވަމުންދާތީ އާންމު ރައްޔިތުންގެ ގިނަގުނަ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން، އެ މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމަންޓްސް ނުލިބޭތީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގައި ވެސް ގިނަގުނަ ދަތިތައް ކުރިމަތިވާކަމަށް އެ ސިޓީގައިވެއެވެ. އަންނަ ރަމަޟާން މަސް އައުމުގެ ކުރިން ސަލްމާން މިސްކިތް ހުޅުވަން ސައުދީ އަރަބިއްޔާއިން ވަޑައިގެންނެވި ޓީމުން ވެސް މަޝްވަރާ ކުރައްވައި ހިނގާ ހުރިހާ ޚަރަދެއް އެ ގައުމުން ދޭނެކަމަށް ބުނެފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ. އަދި އެކަމަށް ދެ މިލިއަން އެމެރިކާ ޑޮލަރު ސައުދީ ސަރުކާރުން ދޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގެ ޕްރޮޖެކްޓަށް ހުށަހަޅައިފައިވާ ކޯޓޭޝަންގެ އަގަކީ 1.6 މިލިއަން އެމެރިކާ ޑޮލަރުކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ. ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދެވިއްޖެނަމަ ރަމަޟާންމަހަށް އެ މިސްކިތް ނުހުޅުވި ލަސްވެދާނެ ކަމަށް އެ ސިޓީގައިވެއެވެ. އެ ފައިސާ އަކީ ސައުދީ ސަރުކާރުން ދޭނެކަމަށް ބުނެފައިވާ ފައިސާއަކަށް ވާތީ، ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެ ސިޓީގައި މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް ވަނީ ނުވެފައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ