އިސްރާއީލުން ޣައްޒާއަށް ވައިގެ ޙަމަލާތަކެއްދީ ފަލަސްތީނުގެ ހަމީހަކު ޝަހީދު ކޮށްލައިފި

ޣާއްޒާސިޓީ (އޮގަސްޓް 19) : އިސްރާއީލު ޢަސްކަރީ މަތިންދާ ބޯޓުތަކުން އިއްޔެ ހަވީރާއި ރޭ ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ ފަލަސްތީނުގެ ހަތްމީހަކު ޝަހީދު ކޮށް 17 މީހަކު ޒަޚަމްކޮށްލައިފިއެވެ.
މީގެތެރެއިން އެއްޙަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ ދެކުނުގައިވާ ގެއަކަށެވެ. މިޙަމަލާގައި ޣައްޒާގެ ރެސިސްޓެންސް ކޮމިޓީގެ އިސްދެ މަސްއޫލުވެރިއަކާއި އެކޮމިޓީގެ އިތުރު ތިންމީހުންނާއި 9 އަހަރުގެ ކުޑަކުއްޖަކު ޝަހީދުވެ އެތަށްބަޔަކު ޒަޚަމްވިއެވެ. އަނެއް ޙަމަލާދިނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ޣައްޒާގެ ހުޅަނގުގައިވާ ގެއަކަށެވެ. އިސްރާއީލުގެ މަތިންދާބޯޓުތަކުން ދިންމިޙަމަލާގައި ފަލަސްތީނުގެ ތުއްތު ކުއްޖަކު ޝަހީދު ވުމުގެ އިތުރުން އިތުރު 5 މީހަކު ޒަޚަމްވިއެވެ.
އިސްރާއީލުން މިޙަމަލާތައް ދީފައިވަނީ އިސްރާއީލުގެ ދެކުނުގެ ރަށެއް ކަމަށްވާ އީލާތުގައި ހަތިޔާރުއެޅި ބަޔަކު އިއްޔެ ދިން ޙަމަލާތަކެއްގައި އިސްރާއީލުގެ ސިފައިންނާއި ޢާންމުންގެ 7 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވަނިކޮށެވެ. އީލާތުގެ ޙަމަލާތަކުގެ ޒިންމާ އިސްރާއީލުން ވަނީ ޙަމާސް ޖަމާޢަތުގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް ޙަމާސްއިންވަނީ އެކަން ދޮގުކޮށްފައެވެ.
އީލާތުގެ ޙަމަލާތަކުގެ ޒިންމާ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އެއްވެސް ޖަމާޢަތަކުން އުފުލާފައެއްނުވެއެވެ. އިއްޔެއާއި އިއްޔެ ރޭ އިސްރާއީލުން ދިން ޙަމަލާތަކަށްފަހު ފަލަސްތީނުގެ ޖަމާޢަތްތަކުން މިއަދުވަނީ ޣައްޒާގެ ވަށައިގެންވާ އިސްރާއީލުގެ ސަރަޙައްދުތަކަށް ރޮކެޓް ޙަމަލާތަކެއްދީފައެވެ. ނަމަވެސް މިޙަމަލާތަކުގައި އިސްރާއީލުގެ އެއްވެސް ތަނަކަށް އަދި މީހަކަށްވެސް ގެއްލުމެއް ނުލިބޭ ކަމަށް އިސްރާއީލުގެ ރޭޑިޔޯ ބުނެއެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ