ޕީޕީއެމްގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕާޓީގެ ޓިކެޓަށް ކުރިމަތިލުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން އިތުރު ވަގުތު ދީފި އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ކުރިން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ޕީޕީއެމްގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން ޓިކެޓަށް ކުރިމަތިލުމަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ ކަމަށެވެ.
ރައީސް މައުމުންގެ ފެކްޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބަށް ޕާޓީގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން ޓިކެޓަށް ކުރިމަތިލުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެކަކަށް ވުރެ ގިނަ މީހުން ޓިކެޓަށް ވާދަކުރާނަމަ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށްވެސް ބުނެފައިވެ އެވެ.
މައުމޫން ފެކްޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ޓިކެޓް ލިބޭނީ މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްއަށް ސޮއިކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕާޓީގެ ޓިކެޓަށް ކުރިމަތިލުމަށް މައުމޫން ފެކްޝަނުން އިތުރު ވަގުތު ދީފައި މިވަނީ ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ފަރާތުން އިންތިހާބު ބާއްވާ ތާރީހު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ބުނެފައިވާ ވަގުތެއްގަ އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން އިއްޔެ ބުނީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ޕީޕީއެމްގެ މެންބަރުން ޕީޕީއެމްގެ ޓިކެޓް ހޯދަން ހުށަހަޅާނީ ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި މިއަދު ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވާ އޮފީހަކަށް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ. އަދި މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 26 ވަނަ ދުވަހު ފުރުސަތު ހުޅުވާލުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ޕީޕީއެމްގެ ޓިކެޓަށް ކުރިމަތިލުމަށް މައުމޫން ފެކްޝަނުން އިތުރު ވަގުތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ