އިސްތިއުމާރީ
އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ވަރުގަދަ
އުދުވާނީ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 50 އަށްވުރެ
ގިނަމީހުން ޝަހީދު ކޮށްލައިފިއެވެ.
މި ހަމަލާތަކުގައި
އިތުރު އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާއިން ރިޕޯޓު
ކުރެއެވެ.
ޣައްޒާގެ އުތުރުގެ، ކަމާލް
އަދްވާން ހޮސްޕިޓަލާއި، އިންޑޮނޭޝިއަން ހޮސްޕިޓަލް ހިމެނޭގޮތުން ބައިތު ލާހިޔާގެ
އެކި ހިސާބުތަކަށް ބޮންއެޅުމުގެ ސަބަބުން 29 މީހުން ޝަހީދުވެ، އެތައްބަޔަކު
ޒަޚަމްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
އުތުރުގެ ޖަބަލިއާ
ރެފިއުޖީ ކޭމްޕުންވެސް ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދާ ކަމަށާއި،
ގެތަކާއި އިމާރާތްތަކަށް ހަމަލާދީ ބިމާހަމަކުރަމުންދާ ކަމަށް ފަލަސްތީނުން
ބުނެއެވެ.
އަދި ޣައްޒާގެ
މެދުތެރޭ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ބޮންއަޅައި 20 މީހުން ޝަހީދުކޮށްލާފައިވާ
ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ. ނުސައިރަތު ރެފިއުޖީ
ކޭމްޕަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 6 ކުޑަކުދިންނާއި، 5
އަންހެނުންވެސް ހިމެނެއެވެ.
ޒަޔަނިސްޓު ޓެރަރިސްޓުންގެ
ޓޭންކުތައް ޣައްޒާގެ އުތުރުގައި ހުރި ހޮސްޕިޓަލްތައް ކައިރީގައި އާންމުންނަށާއި
ތަންތަނަށް ހަމަލާދެމުން ގެންދާއިރު، ޑްރޯންތައް ބޭނުންކޮށްގެން ހޮސްޕިޓަލްތަކުގެ
އެތެރެއިންނާއި އަދި ބޭރުން ފެންނަ ކޮންމެ މީހަކަށް ހަމަލާދެމުން ގެންދާ ކަމަށްވެސް
ފަލަސްތީނު މީޑިއާއިން ބުނެއެވެ.
ޣައްޒާގެ ދެކުނުގައިވެސް
"ސޭފް ޒޯން" ގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ޒަޔަނިސްޓު
ސިފައިން ގެންދަނީ އާންމުންނަށް ހަމަލާތައް ދެމުންނެވެ.
އުދުވާނީ ހަމަލާތަކުގައި
ޒަޚަމްވާ މީހުންނަށް އެހީތެރިވުމަށް ސިވިލް ޑިފެންސާއި، ރެސްކިއު ޓީމުތަކަށްވެސް
ގާތްވިޔަ ނުދޭއިރު، އެމްބިއުލެންސެއް ފެނުނަން ގެންދަނީ ހަމަލާދެމުންނެވެ.
އިސްރާއީލުން
ޣައްޒާގެ އުތުރު ބަންދުކޮށް ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާއިރު،
ޒަޚަމްވެފައިވާ ހާލު ކުޑަކުދިން ކާނޭ އެއްޗެއް ލިބޭތޯ ރޮއިހޭރެމުންދާ ކަމަށް
ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީން މިއަދުވެސް ބުނެފައި ވެއެވެ.
ޣައްޒާގެ އުތުރުގެ
ހާލަތަކީ ކުޑަކުދިންނަށް އެއްވެސް އުންމީދެއްނެތް ހާލަތެއް ކަމަށް އޭޖެންސީން
ބުނެފައިވާއިރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިއަދު ވިދާޅުވީ،
ޣައްޒާގެ ހިތްދަތި، ނިކަމެތި ހާލަތުން، "ދުނިޔެއިން އާންމު އިންސާނިއްޔަތުކަން"
ނެތެމުންދާކަން ދޭހަވާ ކަމަށެވެ.
24 ގަޑިއިރުގެތެރޭ ޣައްޒާއިން 50 އަށްވުރެ ގިނަމީހުން ޝަހީދު، ކާނޭ އެއްޗެއް ހޯދަން ކުޑަކުދިން ރޮއިހޭރެނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ