"ޤައުމީ ޚިދުމަތުގެ ޕްރޮގްރާމާއެކު ޤައުމު އާރާސްތުކުރަން ގިނަ ޒުވާނުންތަކެއް ބިނާކުރެވޭނެ"

ސަރުކާރުގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމާއެކު އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަގުމަތިވާ ކުދިންގެ ޢަދަދު މަދުވެ ޤައުމު އާރާސްތުކުރަން ގިނަ ޒުވާނުންތަކެއް ބިނާވެގެންދާނެކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މިނިންމެވުމާއެކު ޤައުމު ބިނާކުރުމަށް ނުކުންނަ ޒުވާނުންގެ ނިސްބަތް އިތުރުވެގެންދާނެކަމަށެވެ.
ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، މާލެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވި ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ސަބަބުން މަގުމަތިވެގެންދާ ޒުވާނުންގެ ނިސްބަތް ދަށަށް ދާނެކަމަށެވެ. އަދި އޯލެވެލް ނިންމާ ކުދިންނަށް ކުރިއަށްދާނެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ޤައުމު ބިނާކުރުމަށް ނުކުންނަ ޒުވާނުން އިތުރުވެގެންދާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައިވަނީ މަތީ ތަޢުލީމުގެ ފުރުސަތު ފުޅާކޮށް އޭލެވެލް ހެދުމަށް ގިނަ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުން އައި ބަދަލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ކުރީގައި އޭލެވެލްއަށް ކިޔެވުމުގެ އިންތިޒާމު އޮތްގޮތުން 1300 އެއްހާ ދަރިވަރުން އޭލެވެލްއަށް ވަންނަކަމަށާއި އަލަށް ގެނައި ބަދަލާއެކު ދެހާހާއި ގާތްކުރާ ޢަދަދަކަށް ކުދިން އޭލެވެލްއަށް މިއަހަރު ވަދެފައިވާކަމަށެވެ. ޕްރައިވެޓް އަދި ޕަބްލިކް ސްކޫލްތައް އެއްކޮށް 800 އެއްހާ ކުދިންނަށް ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން އޯލެވެލް ނިންމާ ދަރިވަރުންނަށް އޯލްޓަނޭޓިވް ޕާތްސްތަކެއް ކްރިއޭޓްކުރެވުނީމާ އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަގުމަތިވެގެންދާ ދަރިވަރުންގެ ޢަދަދު މަދުވެގެންދާނެ. ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ. ޤައުމު އާރާސްތުކުރުމަށްޓަކައި ގިނަ ޒުވާނުންތަކެއް ބިނާވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ނަމުގައި ސިފައިންގެއާއި ފުލުހުންގެ ޚިދުމަތަށް ވަންނަ ޒުވާނުން އިތުރުކުރުމަށްވެސް ޚާއްސަ ޕްރޮގްރާމެއް ޢިއުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމާއެކު ސިފައިންގެއަށް 4000 މީހުން އަދި ފުލުހުންގެ ޚިދުމަތަށްވެސް 1000 މީހުން އަލަށް ގުޅޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ