އޯގަނައިޒޭޝަން އޮފް އެފްރިކަން
ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ 118
ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން
ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ
ފަރާތްޕުޅުން ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖެއިން
ކަނޑައަޅާފައި ހުންނަވާ ސަފީރު، ގީލާ އަލީ ތަޤްރީރު ކުރެއްވިއެވެ.
އެ ކަމަނާގެ ތަޤްރީރުގައި އޯއޭސީޕީއެސްގެ
މެމްބަރު ޤައުމުތަކުންނާއި އެ ޖަމުޢިއްޔާ އިން ދިވެހިރާއްޖެއަށް ދެއްވާ
އެހީތެރިކަމަށާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ދެމެހެއްޓެނިވި ތަރައްޤީ
ގެނައުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމީ
ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، ދުނިޔޭގެ
ޞުލްޙަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ފަދަ
ކަންކަމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެއްވިއެވެ.
އޯއޭސީޕީއެސް އާއި އީޔޫ އާ ދެމެދު
ގާއިމުކުރެވިފައިވާ ގުޅުމުގެ ތެރެއިން އިޤްތިސާދީ ގުޅުން ބަދަހި ކުރުމާއި ދިވެހިރާއްޖެއަށް
ފައިދާކުރާނެ ގޮތެއްގައި ވިޔަފާރި ފުޅާ ކުރެވޭނެ ފުރުސަތުތައް ލިބިގެންދާނެކަމަށް
އުއްމީދުކުރައްވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ޑިސެމްބަރު މަހުގެ 4
އިން 6 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބާއްވާ 'ހައިބްރިޑް'
ބައްދަލުވުމެކެވެ.
އޯއޭސީޕީއެސްއަކީ 1975 ގައި
ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ
ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ
ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު
ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.
އޯއޭސީޕީއެސްގެ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ