ކޮރަޕްޝަނަށް އަރައިގަންނަ ސަބަބު ދެނެގަންނަން ދިރާސާއެއް

ރާއްޖޭގައި، ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކަމަށް ޚާއްޞަ ދިރާސާއެއް ހެދުމަށް ނިންމައި، އެ ދިރާސާއާ ގުޅޭ މަސައްކަތްތައް ފަށައިފި އެވެ.
އޭސީސީން މިއަދު ބުނީ މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފުސީލު، ދިރާސާކުރުމުގެ ފަންނީ މިންގަނޑުތަކަށް ރިޢާޔަތްކުރެވި، ދިރާސީ ބުރަދަންދެވޭ ހޯދުންތަކުގެ (އެވިޑެންސް ބޭސްޑް) އަލީގައި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން ކަމަށެވެ.
މިއީ، ކޮރަޕްޝަން ހިންގާ ފަރާތްތަކުން އެ ކުށްތަކަށް އަރައިގަންނަން ވިސްނާ ސަބަބުތަކާއި، އަރައިގަންނަ ގޮތްތަކާއި، އަރައިގަންނަން ދައުލަތުގެ މަޤާމާއި، ނުފޫޒާއި ބާރު ބޭނުންކުރާ ގޮތާއި، އެކަމުގައި އެހެނިހެން މުވައްޒަފުން ބައިވެރިކުރާ ގޮތާއި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރާއި، ޚަރަދުބަރަދު ބަލައްޓާ ގޮތް ފަދަ، "ކްރިމިނަލް މައިންޑްސެޓް" އާއި، އެފަދަ އެހެނިހެން ކަންކަން ތަފުސީލުކޮށް ދިރާސާކުރެވޭ ފުރަތަމަ ފަހަރު ކަމަށް އޭސީސީން ބުނެ އެވެ. އަދި، މިއީ ރާއްޖޭގައި ޖިނާއީ ކުށަށް އަރައިގަތުމުގެ ފަހަތުގައި ހުންނަ ސަބަބުތައް ދެނެގަތުމުގެ މިފަދަ ފުރަތަމަ ދިރާސާ އެވެ.
މީގެ އިތުރުން، ކުށްކުރާ ފަރާތްތަކުގެ ސުލޫކާ ގުޅުންހުރި ކަންކަމާއި، ދިވެހި މުޖުތަމަޢުގައި ކޮރަޕްޝަނުގެ ކުށާގުޅޭ ސުލޫކީ ނިންމުންތައް ނިންމާ ގޮތާއި (އެތިކަލް އިންޑިކޭޓަރސް)، ކޮރަޕްޝަނުގެ ކުށަށް އަރައިގަތުމާ ގުޅުންހުންނަ ހެވާއިނުބައި ވަކިކުރުމުގައި ވިސްނުން ގެންގުޅޭ ގޮތް މިދިރާސާގެ އަލީގައި ދެނެގަނެވޭނެ ކަމަށް އޭސީސީން ބުނެ އެވެ.
މީގެ ކުރީން އޭސީސީން ކުރިޔަށް ގެންދިޔަ، ކޮރަޕްޝަނާމެދު އާންމުން ދެކޭ ގޮތާއި އާންމުން ހޭލުންތެރިވެފައި އޮތް މިންވަރުގެ ދިރާސީ ހޯދުންތަކާއި، މި ދިރާސާގެ ހޯދުންތައް އެއްކޮށްލައިގެން ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ، ފަންނީ މިންގަނޑުތަކުން ބާރުދެވޭ އޮނިގަނޑެއް ޤާއިމްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އޭސީސީން ހާމަކުރެ އެވެ.
މި ދިރާސާގެ ހޯދުންތަކުން، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ސުކޫލުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް ޢަމަލުކުރާންޖެހޭ ގޮތްތަކާއި، ވަޒީފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެންޖެހޭ ގޮތްތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާންޖެހޭ ގޮތްތައް ކަނޑައެޅޭނެ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ