ހިތަދޫ ޕޯޓް ތަރައްޤީކުރަން ބޭރުގެ ކުންފުނިތަކާއެކު މަޝްވަރާކުރަނީ

އައްޑޫ ސިޓީ ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިންބައެއް ބޭރުގެ ކުންފުނިތަކާއި މަޝްވަރާކުރަން ފަށައިފިއެވެ. މި މަޝްވަރާތަކުގައި އެމްޕީއެލްގެ ސީއީއޯ އަދި ހިތަދޫ ޕޯޓުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ކުރަމުންގެންދާ މަސައްކަތުގެ ދަށުން ޕޯޓަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.
އެ ޕޯޓަށް މިހާރު ގާތްކުރެވެނީ އެންމެ ކުދި ކުދި ބޯޓުފަހަރަށްކަމަށާއި، އެއީ މީގެ 18 އަހަރު ކުރިން ޤާއިމްކުރި ޕޯޓެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ. މިވީ 18 އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް މަސައްކަތްކޮށްފައި ނެތްކަމަށާއި އޭގެ ސަބަބުން ޕޯޓު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، ހިތަދޫ ޕޯޓު ތަރައްޤީކުރާނީ މި ޞަރަޙައްދަށް އަންނަ އެންމެ ބޮޑު ބޯޓުފަހަރު ތަކަށްވެސް ޚިދުމަތް ދެވޭގޮތައްކަމަށެވެ. އެގޮތުން ކީވޯލް އާއި ޓާމިނަލްވެސް ބޮޑު ކުރާނެކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، ސަރުކާރާއި ވާހަކަދައްކައިގެން ހިތަދޫ ޕޯޓުގައި އިންޓަނޭޝަނަލް ފިޝް ހަބެއް ޤާއިމްކުރުމުގެ ވިސްނުންވެސް ގެންގުޅޭކަމަށެވެ. ބޭރުގެ ކުންފުނިތަކާއި ވާހަކަދައްކައިގެން މިއީ ރާއްޖޭގައި ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނުން އެބަހުރި ސަރުކާރާއި ވާހަކަދައްކައިގެން މިތާނުގައި އިންޓަނޭޝަނަލް ފިޝް ހަބެއް ޤާއިމްކުރުމަށް. އިންޓަނޭޝަނަލް ފިޝް ހަބަކީ ރާއްޖެއަށް ފަހަރުގައި އައު ކަމަކަށް ވެދާނެ. އެހެންނަމަވެސް އެކަމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުރާ ކަމަކަށްވާތީވެ އަޅުގަނޑުމެން އެވާހަކަވެސް މިހާރު ދައްކަމުން އެބަ ގެންދަން ޗައިނާގެ ކުންފުނިތަކާއިއެކުގައި. އެމީހުންގެ ފިޝް ހަބްތަކެއް އެބަހުރި ދުނިޔޭގެ ބައެއް ޤައުމުތަކުގައިވެސް." ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް މަޝްވަރާ ކުރާ ކުންފުނިތަކާއިއެކު ކުރިއަށްއޮތް 2 މަސްތެރޭ މަޝްވަރާތައް ނިންމާލެވޭނެކަމަށެވެ. އެއަށްފަހު ކޮންޓްރެކްޓަރ ފައިނަލް ކުރެވި، އޭގެ 2 މަސް ފަހުން ބަޔަކާއި ބަނދަރު ހަވާލުކުރެވިގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު ރާއްޖޭގައި ހުރި ޕޯޓުތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އައްޑޫ ޕޯޓުން ބަންކަރިން ޚިދުމަތް ދިނުމުގެ ޕްލޭނެއް ޤާއިމްކޮށް އެކަމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ކުދި ކުދި ބޯޓުތަކަށް މިހާރު އެ ޕޯޓުގެ ކީވޯލްއިން ބަންކަރިންގެ ޚިދުމަތް ދަނީ ދެމުންނެވެ. ދެވަނަ ފިޔަވަހީގަ އެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ