އެކި ތަންތަނުން ވަގަށް ނެގި އެއްޗިހި ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

އެކި ތަންތަނުން ވަގަށް ނަގާފައިވާ ތަކެތި ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
މީގެ އިތުރުން ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ އަތުން ފެނުނު ތަކެއްޗަކީ އެކި ތަންތަނުން އޭނާ ހޯދި ތަކެތި ކަމަށެވެ. އަދި އެތަކެތި ވިއްކުމަށް މީގެ ދެތިން ދުވަސްކުރިން ބާޒާރު މަތީގައި އުޅުނު ކަމަށެވެ.
ތަކެތި ވިއްކަން އުޅެނިކޮށް އެ ސަރަހައްދު ޕެޓްރޯލު ކުރަން އުޅުނު ފުލުހުން އޭނާއާ ސުވާލު ކުރިކަމަށާއި ނަމަވެސް ހުއްޓުވާފައި ނުވާ ކަމަށް ވެސް އެ މީހާ ކޯޓުގައި ބުނެފައިވެއެވެ.
ބަންދު އަމުރުގައި ބުނެފައިވަނީ ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލާ ކަމަށްވެސް އެނާ ވަނީ ބުނެފައެވެ.
އޭނާ އަކީ ކުށުގެ ވެށިގައި އުޅޭ ހައްޔަރާއި ބަންދު ރެކޯޑު ގިނަ މީހެއް ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ