ޒުވާނުންނަށް އިންވެސްޓް ކުރެވިއްޖެ ނަމަ، ޓެކް ދާއިރާގެ މައި ހަބަކަށް ރާއްޖެ ނުހެދޭ އެއްވެސް ސަބަބެއް ނެތް: މިނިސްޓަރ

ދިވެހި ޒުވާނުންގެ ހުނަރު ހުރި މަސައްކަތް ތަކަށް އިންވެސްޓް ކުރެވިއްޖެ ނަމަ، ޓެކްނޮލޮޖީގެ ދާއިރާގެ މައި ހަބަކަށް ރާއްޖެ ނުހެދޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ. 
މޯލްޑިވްސް ޔޫތު "ހެކަތަން" އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްވާޑް ވިދާޅުވީ، ރާއްޖެއާއި ދުނިޔޭގެ ބާޒާރުގައި ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، އެ ދާއިރާތަކުން ހުރި ވަޒީފާތަކަށް ހޭލުންތެރިކޮށް ފަންނިއްޔާތުގެ ދާއިރާއިން ފްރީލާންސް ކޮށް މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. 
އަދި ހަމައެއާއެކު، ފަންނިއްޔާތުގެ ދާއީރާއިން އަންހެން ކަނބަލުން ތަމްރީނުކޮށް، ދިވެހި ޒުވާނުންނަކީ ވަޒީފާ އުފައްދާ އަދި ވަޒީފާ ދޭ ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. 
Advertisement
އެކަމަށްޓަކައި ތަފާތު ހަރަކާތްތައް ޔޫތު މިނިސްޓްރީން ކުރަމުންގެންދާކަން ފާހަގަކުރައްވައި އަސްވާޑް ވަނީ އެގޮތުގެ މަތީން ދާދިފަހުން ކުރިއަށް ގެންދެވުނު "ފަންނިއްޔާތު" ހަރަކާތަށް އަލިއަޅުވާލައްވާފައެވެ. 
އަސްވާޑް ވިދާޅުވީ އެ ހަރަކާތުގެ ތެރެއިންވެސް ދިވެހި ޒުވާނުންނަކީ ވަރަށް ހުނަރުވެރި ބައެއް ކަން ފާހަގަވެގެން ދިޔަ ކަމަށެވެ. 
އެ ހަރަކާތުގައި އެ ހަވާލުކުރި މަސައްކަތަށް، ބައެއް ހަރަކާތްތައް ނިންމުމަށް ދޮޅު މިނެޓް، ދެ މިނެޓް، ފަސް މިނެޓް. އެހެން ނަމަވެސް އެ ގެނައި ވިސްނުންތައް، ޚިޔާލުތައް އަޅުގަނޑަށް ހީވަނީ، އެއީ އެއް އަހަރު ދުވަހަށް ވިސްނި ނަމަވެސް އަންނާނީ ހަމަ އެ މިންވަރަށޭ. އެ ދުވަހުވެސް އަޅުގަނޑަށް އެނގިގެން ދިޔައީ ދިވެހި ޒުވާނުންގެ ހުނަރުވެރިކަން. ދިވެހި ޒުވާނުންގެ ވިސްނުން މިހުރީ މުޅިން އެހެން ހިސާބަކުކަން. އަޅުގަނޑުމެންނަށް ދިވެހި ޒުވާނުންނަށް އިންވެސްޓް ކުރެވިއްޖެ ނަމަ، މި ދަންނަވާ ޕްރޮޖެކްޓް ތަކަށް އިންވެސްޓް ކުރެވިއްޖެ ނަމަ، ދިވެހި ޒުވާނުން، ޚާއްސަ މި ޓެކް އިންޑަސްޓްރީ ގައި، މައި ހަބަކަށް ރާއްޖެ ނުހެދޭނެ އެއްވެސް ސަބަބެއް ނެތް. 
ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު
އަސްވާޑް އިތުރަށް ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވުނު ހެކަތަން އިން ލިބިގެންދާ މަޢުލޫމާތުގެ އަލީގައި ޒުވާނުން ބާރުވެރި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ