މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުالله މުހައްމަދު (މަދަނީ އަބްދުالله) ހަމަޖެއްސުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އޭނާއަކީ ސިޔާސީ މީހެއް ކަމަށް ބުނެ އެވެ. ތައުލީމެއް ތަރުބިއްޔަތެއް ނެތް ކަމަށް ބުނެ އެވެ. ތަޖުރިބާއެއް ނެތް މީހަކަށް ކުންފުންޏެއް ނުހިންގޭނެ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެ ފާޑުކިޔުންތަކަށް އަބްދުالله ދެއްވީ ކުރު ރައްދެކެވެ. ހަފްތާއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ, މީހެއްގެ ގާބިލުކަމަކީ އެ މީހެއްގެ މާޒީގައި ސާބިތުކޮށްދީފައި ހުންނަ ގާބިލުކަމެއް ކަމަށާއި މީހަކު ހުންނަ ގޮތަކުން ނުވަތަ މީހަކު އުޅޭ ގޮތަކުން އެކަމަށް ގޮތެއް ނުކިޔޭނެ ކަމަށެވެ.
އެހެންކަމުން މީހެއްގެ ގާބިލުކަމަށް ފާޑުކިޔަންވާނީ ނުވަތަ މީހަކާ ދިމާލަށް އިނގިލި ދިއްކުރަންވާނީ އެ މީހެއްގެ މާޒީ ރަނގަޅަށް ދިރާސާކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުގެ މާޒީއަކީ ވަރަށް ރީތި އަދި ޗާލު މާޒީއެއް. ގައުމީ އަދި ސިޔާސީ ގޮތުން ބެލި ނަމަވެސް. އިލްމާއި ފެންވަރަށް ބެލި ނަމަވެސް. ސުވާލު އުފައްދާ ބޭފުޅުންނަށް ބުނަން އޮތީ ބިނާކުރަނިވި ގޮތަކަށް ކިޔާ ކޮންމެ ފާޑުކިޔުމަކަށް މަރުހަބާ ކިޔާނަން. ޒާތީ ގޮތުން ކިޔާ ކޮންމެ ފާޑުކިޔުމަކީ މައްސަލައެއް ނޫން. އެއްވެސް ކަމެއްވެސް ނޫން,” އަބްދުالله ވިދާޅުވި އެވެ.
އަބްދުالله ވިދާޅުވީ, އޭނާ ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރެއްވި މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކެރިގެން ކަމަށެވެ. އެކަމަށްޓަކާ ކޮންމެ ގޮންޖެހުމެއް ގިރާ ކުރައްވާނެ ކަމަށާއި ޒާތީ ފާޑުކިޔުމަކަށް އަޅާ ނުލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލްގެ ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަބްދުﷲ އެންމެ ބޮޑަށް ފާހަގަވީ މަދަނީ ޖަމިއްޔާތަކަށް ތަމުސީލުކުރާ މަދަނީ އިއްތިހާދުގައި އިސްކޮށް ހުންނަވައިގެން ކުރެއްވި މަސައްކަތުންނެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައިފަ އެވެ. އަދި މިދިޔަ ވެރިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުގައިވެސް އިސް މަގާމެއް އަދާކުރެއްވި އެވެ.
ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރަން މިހުރީ ކެރިގެން، ކޮންމެ ގޮންޖެހުމެއް ގިރާ ކުރާނަން: އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ