މެކްސިކޯ ސިޓީ، މެކްސިކޯ (ޖުލައި 1) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ މެކްސިކޯ އިން ގަދަ 32 ޓީމުގެ ބުރުގައި ކުޅުނު މެޗުގައި އެކުއެޑޯ އަތުން 2-0 އިން މޮޅުވެ، މުބާރާތުގެ ގަދަ 16 ޓީމު ކުޅޭ ބުރަށް ދަތުރުކޮށްފި އެވެ.
މެކްސިކޯ އިން މި ފަހަރުގެ ވޯލްޑް ކަޕް، ހޯސްޓްކުރަނީ ކެނަޑާ އާއި އެމެރިކާއާ ގުޅިގެންނެވެ. މެކްސިކޯ އިން އެކަނި މީގެ ކުރިން ދެ ވޯލްޑް ކަޕެއް ހޯސްޓްކުރިއިރު، އެ ދެ ފަަހަރު ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނޮކައުޓް ބުރަށް އައި މެކްސިކޯ އިން މި ވަނީ މި ބުރުގެ ފުރަތަމަ މެޗުގައި ވެސް އެ ފޯމު ދަމަހައްޓައިފަ އެވެ.
މެކްސިކޯ އިން ގަދަ 16 ބުރުގައި ކުޅޭނީ، އިންގްލެންޑް ނޫނީ ކޮންގޯއާ އެވެ.
މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން، 22 ވަނަ މިނިޓްގައި މެކްސިކޯ އިން ލީޑުނެގި އެވެ. ހާފުގެ މެދެއްހާ ހިސާބުން މެކްސިކޯގެ ޖޫލިއަން ކުއިނޯނޭސް އަށް ލިބުނު ބޯޅައެއް ހިފައިގެން ވަދެ، އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ޖެހި ކުއިނޯނޭސް މި ލަނޑު ޖެހީ، ރޮބާޓޯ އަލްވަރާޑޯ ދިން ބޯޅައެއް ހިފައިގެން ގޮހެވެ.
މެކްސިކޯ އިން ލީޑުފުޅާކުރީ، 31 ވަނަ މިނިޓްގަ އެވެ. މިއީ، އެކުއެޑޯ ޑިފެންސްލައިނުގައި ހެދި ގޯހެއްގެ ފައިދާނަގައި މެކްސިކޯ އިން ޖެހި ގޯލެކެެވެ. ކުއިނޯނޭސް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ރައުލް ހިމެނޭޒް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ލަނޑާ އެކު، މެކްސިކޯ އަށް ދެ ވަަނަ އަށް އެންމެ ގިނަ ގޯލު ޖަހައިިދިން ކުޅުންތެރިއަކީ 47 ލަނޑު ޖެހި ހިމެނޭޒް އެވެ. އެންމެ ގިނަ ލަނޑު ޖެހީ 52 ގޯލު ކާމިޔާބުކުރި ހަވިއޭ ހެނާންޑޭޒް އެވެ.
ފުރަތަމަ ހާފުގައި އެކުއެޑޯ އަށް ލަނޑު ޖަހައިދޭން އެންމެ ގާތަށް ޖެހިލީ ޖޯން ޔެބޯއާ އެވެ. އޭނާ ފޮނުވާލި އެއް ހަމަލާ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އަދި، އޭނާ ފޮނުވާލި އެހެން ޝޮޓެއް މެކްސިކޯގެ ކީޕަރު ރައުލް ރަންގޭލް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 65 ވަނަ މިނިޓްގައި ކޯނަރަކުން މެކްސިކޯ އިން ނެގި ބޯޅައެއް އެ ޓީމުގެ ކެޕްޓަން، ސެޒާ މޮންޓޭޒް ބޮލުން ޖެހި ބޯޅަ އެކުއެޑޯ ކީޕަރު، ހާނަން ގަލިންޑޭޒް ވަނީ މަތަކޮށްފަ އެވެ.
އެކުއެޑޯ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އެ ޓީމުގެ ޑިފެންޑަރު، ޕިއޭރޯ ހިންކަޕިއޭ އަށް ރަތެއް ދެއްކުމުންނެވެ. ހިންކަޕިއޭ އަށް ރަތެއް ދެއްކީ މެކްސިކޯގެ ފޯވާޑް، ސަންޓިއާގޯ ހިމެނޭޒާ ދެެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރިއިރު، އަނގަމަތީގައި އަތްއަޅައިގެން ވާހަކަ ދެެއްކުމުންނެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް އަމަލުކުރަން ފެށި ގަވާއިދެކެވެ. އަދި، މިއީ، މި ގޮތަށް ދެއްކި ދެ ވަނަ ރަތް ކާޑެވެ. ރެފްރީ މި ރަތް ކާޑު ދެއްކީ ވީއޭއާރް އިން ބަލައިފައެވެ.
މިއީ، އެކުއެޑޯއާ ދެކޮޅަށް ކުޅުނު 24 މެޗުގެ ތެރެއިން މެކްސިކޯ މޮޅުވި 13 ވަނަ މެޗެވެ. މިއީ، މި ދެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ބަލާއިރު، ޓީމެއް މޮޅުވެގެން ނިމުނު ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން އެންމެ ފަހުން މި ދެ ޓީމު ކުުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.
އެކުއެޑޯ ބަލިކޮށް އަމިއްލަ ފަސްގަނޑުގައި މެކްސިކޯގެ ރަސްކަން ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ