އިންޑިއާގެ ތާރީޚުގައި އެޤައުމުގައި ވިދިވިދިގެން އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވުމުގެ ތާރީޚީ ޝަރަފާއި ބޮޑު ކާމިޔާބީ ހާސިލްކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ހޫނު ތަހުނިޔާއެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓް މެދުވެރިކުރައްވައި ޙިއްސާކުރެއްވި ޚާއްޞަ މެސެޖުގައި، ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް އިޙުތިރާމާއި، ސިޔާދަތީ ހަމަހަމަ ކަމާއި، ދެ މުޖުތަމައުގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައި އޮތް ޒަމާންވީ އެކުވެރިކަން މުސްތަޤުބަލުގައިވެސް އިތުރަށް ވަރުގަދަކޮށް އާ ހަރުފަތަކަށް ގެންދިއުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ފުރިހަމަ ޢަޒުމް ރައީސް ވަނީ އައު ކުރައްވާފައެވެ.
މި ބޮޑު ކާމިޔާބީއާއެކު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެވަޑައިގެންފައިވަނީ އިންޑިއާގެ ބާނީ ޖަވާހަރްލާލް ނެހުރޫއަށްފަހު، އެޤައުމުގައި ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރައްވައި، އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވުމުގެ ރެކޯޑު ހާސިލްކުރެއްވި ދެވަނަ ލީޑަރަށެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު ތަރައްޤީގެ އެކި ދާއިރާތަކުން ގިނަގުނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، އިންޑިއާ ވެފައިވަނީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އަވަހަށް އެހީތެރިވާ ގައުމަށެވެ.
ވިދިވިދިގެން އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމުގެ ރެކޯޑާއެކު މޯދީއަށް، ރައީސް ޑރ. މުޢިއްޒުގެ މަރުޙަބާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ