މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަށް ކ. ފުށިދިއްގަރުފަޅުން ހިއްކި ބިމުގެ އަގުގެ ގޮތުގައި އެމްޓީސީސީއަށް ދޭންޖެހޭ 1.6 މިލިއަން ޑޮލަރު (24 މިލިއަން ރުފިޔާ) ކުރިއަށް އޮތް އެއް މަސް ތެރޭ ދައްކަން އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެ (ސީއެމްސީސީ)ގެ މައްޗަށް މިއަދު ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ އެމްޓީސީސީން ކޯޓަށް ހުށަހެޅީ ފުށިދިއްގަރުފަޅުން 10 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރުމަށް ފަހު، އެ މަސައްކަތް ނިންމަން އޮތް މުއްދަތަށް ނިންމައި އަގު ހޯދަން ތަކުރާރުކޮށް ކުރި މަސައްކަތްތަކުން ވެސް އެ ފައިސާ މިހާތަނަށް ސީއެމްސީސީގެ ފަރާތުން ދައްކާފައި ނުވާތީ އެވެ.
އެކަމާ ބެހޭ ގޮތުން ސީއެމްސީސީގެ ފަރާތުން ކޯޓަށް ހުށަހެޅި ޖަވާބުގައި ބުނީ:
ފައިސާ ދައްކަން ޖެހުމާ މެދު އިންކާރެއް ނުކުރަން
ފައިސާ ދެއްކިފައި ނުވަނީ ބިން ހިއްކުމުގެ މަސައްކަތް ސީމްސީސީއާ ހަވާލުކުރި އެޗްޑީސީގެ ފަރާތުން ލިބެންޖެހޭ ފައިސާ އެ ކުންފުންޏަށް މިހާތަނަށް ލިބިފައި ނުވާތީ
އެ ފައިސާ ލިބުމުން އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާ ދައްކާނެ
ފައިސާ ދައްކަން ދެ އަހަރުދުވަސް ދިނުމަށް އެދުނު
ސިވިލް ކޯޓުގެ ހުކުމް - މި މައްސަލާގައި ސިވިލް ކޯޓުން ނިންމީ، ފައިސާ ހޯދުމަށް އެމްޓީސީސީން އެކި ފަހަރުމަތިން ކޯޓުން ބޭރުގައި މަސައްކަތްކޮށްފައިވާތީ އާއި މިހާތަނަށް ވެސް ފައިސާ ދައްކާފައިނުވާތީ އެކަމަށް އިތުރު މުއްދަތެއް ދިނުމަކީ އަދުލުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.
އެހެންވެ، ކުރިއަށް އޮތް އެއް މަސް ތެރޭ ސިވިލް ކޯޓަށް އެ ފައިސާ ދައްކާ ނިންމަން ސީއެމްސީގެ މައްޗަށް އަމުރުކުރި އެވެ.
ހުކުމްގައިވާ ގޮތުން:
17 ޑިސެމްބަރު 2023ގައި 10 ހެކްޓަރު ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރި
މަސައްކަތް ނިންމަން އެއްބަސްވެފައިވާ ތާރީހު ކަމަށްވާ 25 ޑިސެމްބަރު 2023އަށް އެމްޓީސީސީން މަސައްކަތް ނިންމި
ކޯޓުން ބޭރުން ފައިސާ ހޯދަން މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އެމްޓީސީސީން މަސައްކަތްކޮށްފައިވޭ
އެކަމަކު މިހާތަނަށް ވެސް އެ ފައިސާ ލިބިފައިނުވާތީ ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދިނުމަށް ބޭނުންނުވާ ކަމަށް އެމްޓީސީސީން ބުނެފައިވޭ
އެނގުން މުހިންމު - އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް، 11،000 ގޯއްޗާއި 26،000އަށް ވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫ އެވެ.
ފުށިދިއްގަރުފަޅުގައި ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެޗްޑީސީން މިދިޔަ އެޕްރީލް މަސް ތެރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ މަޝްރޫއުގެ ދަށުން އެހާތަނަށް ޖުމްލަ 101 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
އެގޮތުން:
ސީއެމްސީސީއާ ހަވާލުކޮށްގެން ހިއްކާފައިވަނީ 29 ހެކްޓަރުގެ ބިން
ސީއެމްސީއާ މި މަޝްރޫއު އެޗްޑީސީން ހާވާލުކުރީ އަށް މަސް ތެރޭ ނިންމާ ގޮތަށް
ނަމަވެސް ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ މިދިޔަ މޭ މަސް ތެރޭ ވަނީ އެ އެއްބަސްވުން ނިމުމަކަށް ގެނެސްފައި
މީގެ އަހަރެއްހާ ދުވަސް ކުރިން، ޑިސެމްބަރު 2023ގައި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް އެޗްޑީސީން ސީއެމްސީސީއާ ހަވާލުކޮށްފައި ވަނީ، މަޝްރޫއޫގެ އަގުގެ ގޮތުގައި ހުޅުމާލެ އާއި ފުށިދިއްގަރުފަޅުން ޖުމްލަ 70 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ.
އެކަމަކު ސަރުކާރުގެ އެކި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، އެޗްޑީސީން މިހާރު އެއްބަސްވެފައި ވަނީ ސީއެމްސީން ހިއްކާފައިވާ 29 ހެކްޓަރަށްވާ ފައިސާ ދިނުމަށެވެ. އެއީ 21 މިލިއަން ޑޮލަރެވެ.
ރަސްމާލެ ބިން ހިއްކި ފައިސާގެ ގޮތުގައި 1.6 މިލިއަން ޑޮލަރު އެމްޓީސީސީއަށް ދޭން ސީއެމްސީސީއަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ