15 ބިލިއަން ޗާޕުކުރާ ވާހަކައަށް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނި

މަރުކަޒީ ބޭންކް، އެމްއެމްއޭއަށް 15 ބިލިއަނެއްހާ ރުފިޔާއަށް ބިމެއް ވިއްކައިގެން އެ ފައިސާ ނަގަން ސަރުކާރުން މަސައްކަތްކުރާ ވާހަކައަށް އެއްވެސް އެއްޗެއް ބުނަން ސަރުކާރުން ދެކޮޅު ހަދައިފިއެވެ. އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދައްކަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ ފަދައިން ތުހުމަތުކޮށްފައެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލެއިން ބޮޑު ބިމެއް 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އެއީ، އެހެން ގޮތަކަށް ކުރިނަމަވެސް ހަމަ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ، އިގުތިސާދީ ފަރާތްތަކުންނާއި އާންމުންގެ އިތުރުން ސަރުކާރާ ދެކޮޅު ވިސްނުމުގެ ސިޔާސީ ބޭފުޅުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެ ވާހަކަ މީސްމީޑިއާއާއި ނޫސްތަކުގައި ދެކެވޭތާ ދެ ދުވަހެއް ވެއްޖެއެވެ. އެކަމަކު، އެ ކަމާ ގުޅިގެން އެއްވެސް އެއްޗެއް ސަރުކާރުން މިހާތަނަށް ބުނެފައެއް ނުވެއެވެ. https://sun.mv/203513 އެ ކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީ އަދި ސަރުކާރުގެ އެ ނޫން ވެސް ބޭފުޅެއްގެ ރަސްމީ ބަހެއް ހޯދަން އިއްޔެއިން ފެށިގެން 'ސަން'އިން ވަނީ މަސައްކަތްކޮށްފައެވެ. އެކަމަކު، ޖަވާބެއް ނުދެއްވައެވެ. ސަރުކާރުން އެއްޗެއް ނުބުނި ނަމަވެސް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް މަޖިލީހުގައި މިއަދު ވިދާޅުވެފައެވެ. އެނގިފައިވާ ގޮތުގައި މެންބަރުންނާ އެކު މުލިއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވެސް އެ ފަދައިން ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވަނީ ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ނެގުމަކީ ފައިސާ 'ޗާޕުކުރުން' ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އިގުތިސާދީ ގޮތުން ފައިސާ ޗާޕުކުރުން ކިޔަނީ 'ޕްރިންޓަރަކުން' ޕްރިންޓްކުރުމަށް އެކަންޏެއް ނޫނެވެ. https://sun.mv/203523 'ސަން'އާ ވާހަކަދެއްކި ބައެއް އިގުތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދައްކަން ބޭނުންވާ ފައިސާ ހޯދާށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވެސް ތަކުރާރުކޮށް އެތައް ތަނެއްގައި ވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވެރިކަމުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން އެ މަނިކުފާނު ހިމަނުއްވައެވެ. ރާއްޖެއިން މި އަހަރު ބޮޑު އަދަދެއް ދަރަންޏަށް ދައްކަން ޖެހެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ. https://sun.mv/203521 ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ނަޝީދު ވެސް ވަނީ ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރައްވާފައެވެ. އެމްޑީޕީން ވެސް ވަނީ އެ ކަމުގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ބުނެފައެވެ. މިދިޔަ ސަރުކާރުގައި ވެސް އިގުތިސާދީ ހާލަތު ގޯސްވެ، ފައިސާ ޗާޕުކުރަން ނިންމިއެވެ. އެ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ