ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މަގާމުން ވަަކިކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި ފާއިޒު މިހާތަނަށް ހުންނެވީ ސަސްޕެންޝަނުގަ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނި ގޮތުގައި އެ މަގާމުން އޭނާ ވަކިކުރަން ނިންމީ، އޭނާގެ އެ އަމަލަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކަމަށް ބުނެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭ ގޮތަށް އެ ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް ފާއިޒް ނިންމައި އެކަން ތަންފީޒުކޮށްފައިވާ ކަމަށް ޑީޖޭއޭއިން ބުނެފައިވެ އެވެ. އަދި އޭނާގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތް ހަދައި އޭގެ ބޭނުން އެގޮތުގެ މަތިން ކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ކެމެރާ އެޅުމުގެ މަސައްކަތަށް ދެ ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހަރުދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކުޔަމަންޓް ތައްޔާރުނުކޮށް ކަމަށާއި އެކަން ކޮށްފައިވަނީ ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ހިލާފަށް ކަމަށްވެސް ޑީޖޭއޭން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ފާއިޒު އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުގެ އެސްޖީ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ