އދ. އާއި އދ. ން ބޭރު ބައިނަލްއަގްވާމީ 66 މުއައްސަސާއަކުން އެމެރިކާ ވަކިވަނީ
ވޮޝިންޓަން (8 ޖަނަވަރީ 2026) : ބައިނަލްއަގްވާމީ ގިނަ މުއައްސަސާތަކާއި އޮގަނައިޒޭޝަންތަކުން ވަކިވާން އެމެރިކާ ނިންމައި އެކަމާބެހޭ ރިޔާސީ ގަރާރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައިފިއެވެ. މިކަމާބެހޭގޮތުން ވައިޓްހައުސް އިން ނެރުނު ބަޔާނެއް ބުނިގޮތުގައި ބައިނަލްއަގްވާމީ 66 މުއައްސަސާއަކުން އެމެރިކާ ވަކިވާން ނިންމިކަން އެގަރާރު ޓްރަމްޕް ވަނީ ސޮއިކުރައްވާފައެވެ. އެ ބަޔާން ބުނާގޮތުން އެމެރިކާ ވަކިވާން ނިންމި އޮގަނައިޒޭޝަންތަކާއި މުއައްސަސާތަކުގެ ތެރޭގައި އދ. ގެ 31 މުއައްސަސާއަކާއި އދ. ން ބޭރު ބައިނަލްއަގްވާމީ 35 މުއައްސަސާއެއް ހިމެނެއެވެ. މީގެތެރޭގައި ޖަމްއިއްޔާތަކާއި މުއައްސަސާތަކާއި އޮގައިޒޭޝަންތައްވެސް ހިމެނެއެވެ. މި މުއައްސަސާތަކާއި އޮގަނައިޒޭޝަންތަކާއި ޖަމިއްޔާ ތަކަކީ އެމެރިކާގެ އަސްކަރީ ބާރާއި އިގްތިސާދީ ނުފޫޒަށް ލޮޅުންއަރުވާ އަދި އެމެރިކާ ދުނިޔޭގައި ކުރާކަންކަމަށް ފާޑުކިޔާ މުއައްސަސާތަކާއި އޮގަނައިޒޭޝަންތައް ކަމަށް މިކަމާބެހޭގޮތުން ވައިޓް ހައުސް އިން ނެރުނު ބަޔާން ބުނެއެވެ. މީގެއިތުރުން ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ގައުމުތަކަށް ކަންކަން މަޖުބޫރުކޮށް ތިމާވެށީގެ ކަންކަން ޕްރޮމޯޓްކޮށް ގައުމުތަކަށް ހިލޭ އެހީދޭން ބާރުއަޅާ މުއައްސަސާތަކަކީވެސް އެމެރިކާގެ އިގްތިސާދީ އަދި ގައުމީ މަސްލަހަތަށް ނުރައްކާތެރި މުއައްސަސާތައް ކަމަށް ވައިޓް ހައުސް އިންވަނީ ސިފަކޮށްފައެވެ. އެހެންކަމުން އެބާވަތުގެ މުއައްސަސާތަކުންވެސް އެމެރިކާ ވަކިވެފައިވާނެ ކަމަށް ވައިޓްހައުސްގެ ބަޔާން ބުނެއެވެ. ނަމަވެސް އެމެރިކާ ވަކިވި މުއައްސަސާތަކުގެ ނަންތައް މި ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ވަކިވި މުއައްސަސާތަކުގެ ތެރޭގައި އިންސާނީ ހައްގުތަކާބެހޭ މުއައްސަސާތަކާއި ގައުމުތަކަށް އެކިބާވަތުގެ އިންސާނީ އެހީ ދިނުމުގެ މުއައްސަސާތަކާއި ގްލޯބަލައިޒޭޝަން ޕްރޮމޯޓްކުރާ މުއައްސަސާތައް ހިމެނެއެވެ. ވައިޓް ހައުސްގެ ބަޔާން ބުނާގޮތުން އެމެރިކާ ވަކިވި މި 66 މުއައްސަސާތަކަށް ޗަންދާގެ ގޮތުގައި ފައިސާ ދެއްކުންވަނީ އެމެރިކާއަށް މާލީގޮތުން ބޮޑު ބުރައަކަށް ވެފައެވެ. މި 66 މުއައްސަސާއަށް ފައިސާ ދައްކަން ނުޖެހުމުން އެމެރިކާގެ ބަޖެޓުން އެތަށް ބިލިޔަން ޑޮލަރެއް ސަލާމަތްވާނެކަމަށާ މިއީ އެމެރިކާގެ ޓެކްސް ޕޭޔަރުންނަށް ލިބުނު ބޮޑު ލުޔެއްކަމަށް ވައިޓް ހައުސްގެ ބަޔާން ބުނެއެވެ. ޓްރަމްޕް ވަނީ ޔޫއެންޑީޕީ އާއި ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ އާއި ޔުނެސްކޯ ފަދަ އދ. ގެ އެތަށް މުއައްސަސާއަކުން އެމެރިކާ ވަކިވާނެކަން ކުރިން އިއުލާން ކުރައްވާފައެވެ. އަދި ތިމާވެއްޓާބެހޭ ޕެރިސް އެގްރިމެންޓަކީވެސް އެމެރިކާގެ މަސްލަހަތާ ފުށުއަރާ އެއްޗެއް ކަމަށް ވިދާޅުވެ އެ އެއްބަސްވުމުންވެސް ވަކިވާނެކަން ކުރިން ޓްރަމްޕް ވަނީ އިއުލާން ކުރައްވާފައެވެ. ޓްރަމްޕަކީ ތިމާވެށި ހިމާޔަތް ކުރުމާއި މިކަމާބެހޭ ސައެންސްގެ ހަގީގަތްތަކަށް އިންކާރު ކުރައްވާ ބޭފުޅެކެވެ. އެމެރިކާ ވަކިވާން ނިންމައި ރިޔާސީ ގަރާރު ނެރުއްވި 66 މުއައްސަސާތަކުގެ ތެރޭގައި މިތަންތަން ހިމެނޭކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ. ވައިޓް ހައުސްގެ ބަޔާނުގައި އެމެރިކާގެ ކޮންޓްރޯލް ނެތް ބައިނަލްއަގްވާމި އޮގަނައިޒޭޝަންތަކާއި މުއައްސަސާތަކުގައި ބައިވެރިވުމަކީ އެމެރިކާގެ ބަޖެޓުން އެތަންތަނަށް ބޭކާރު ޚަރަދުތައް ކުރަންޖެހޭ ތަންތަންކަން ބަޔާން ކޮށްފައިވެއެވެ. އަދި އެމުއައްސަސާތަކާއި އޮގަނައިޒޭޝަންތަކުގެ އުސޫލުތަކާއި ޗާޓަރުތަކަށް އެމެރިކާ ތަބައަ ވާންޖެހުމަކީ އެ މުއައްސަސާތަކުން ވަކިވާން އެމެރިކާ ނިންމި މައިގަނޑު ސަބަބުކަން ވަނީ ހާމަކޮށްފައެވެ. ސީދާ އދ. ން ވެސް އެމެރިކާ ވަކިވާން ޖެހޭކަމަށް ޓްރަމްޕްގެ އަރިސް އެެމެރިކާގެ މަސްއޫލުވެރިއަކު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ