އޭއައި އިން މިހާރު ތެރަޕީ ވެސް ދެނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބައެއް މީހުން ނަފްސާނީ މައްސަލަތަކަށް ތެރަޕީ ނަގަން ފަށާފައިވާ ކަމުގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ. މި ދުވަސްވަރު އިންޓަނެޓުގައި އެންމެ ވާހަކަ ދެކެވޭ "ޗެޓް ޖީޕީޓީ" ބޭނުންކޮށްގެން އެއް ބައި މީހުން ތެރަޕީ ނަގަން ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެއް ބަޔަކު އަންނަނީ މިހާރު ކިޔަމުންނެވެ. ޗެޓް ޖީޕީޓީއަކީ މައިކްރޮސޮފްޓުން ތައާރަފުކޮށްފައިވާ އޭއައި ބޮޓެކެވެ. މިއީ އިންޓަނެޓްގައި ހިމެނޭ ތަފާތު ގިނަ މައުލޫމާތު އެއްކޮށް އެއަށް ބިނާކޮށް ތަފާތު އެކި ކަހަލަ ކަންތައްތައް ކޮށްދޭ ބޮޓެކެވެ. އެގޮތުން ބޮޑެތި ލިޔުންތައް ތައްޔާރުކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. ޗެޓް ޖީޕީޓީގައި "އަހަރެން އެންޒައިޓީ ހުރޭ" މިފަދަ ޖުމްލަތައް އިނގިރޭސިން ޓައިޕް ކޮށްލުމުން އެއަށް ތަފާތު ރައްދުތަކެއް އޭއައި ތައްޔާރު ކުރެއެވެ. އެގޮތުން އެންޒައިޓީ ހުންނާތީ އެކަމާ ހިތާމަ ކުރާ ކަމަށާއި އެކަމަށް ފަސޭހަ ވެދާނެ ސްޓްރެޓެޖީތަކާއި ހަރަކާތްތަކަށް ލަފާ ދެވިދާނެ ކަމަށް އޭއައި އިޝާރާތް ކުރެއެވެ. އާންމުކޮށް އިންޓަނެޓުން ފެނިދާނެ ފަދަ އެތައް ހައްލުތަކެއް ޗެޓްޖީޕީޓީ ލަފާތަކުގެ ގޮތުގައި ޔޫޒަރުންނަށް ދެއެވެ. އޭގެ ތެރޭގައި ނިދި ހަމަކުރުމާއި އެކުވެރިއެއް ނުވަތަ އާއިލާ މެންބަރެއްގެ އެހީ ހޯދުން ފަދަ ކަންތައް ހިމެނެއެވެ. ނަމަވެސް ޗެޓް ޖީޕީޓީ އިރުޝާދު ދެނީ އެއީ ތެރަޕިސްޓެއް ނޫން ކަމުގައެވެ. އަދި، ހަގީގީ ސައިކޮލޮޖިސްޓެއް ނުވަތަ ކައުންސިލަރެއްގެ ބަހަކާއި ޗެޓް ޖީޕީޓީގެ ބަހަކާ އަޅައި ނުކިޔޭނެ ކަމަށް ވެސް ރައްދުތަކުގެ ގޮތުގައި ދެއެވެ. އެއާ އެކު ވެސް އެއްބައި މީހުން އެ ބޭނުން ކުރުން ހުއްޓާލައިފައެއް ނުވެއެވެ. އަދި، ބުނަނީ އާދައިގެ ތެރަޕީއަށް ވެސް އޭއައި ތެރަޕީ މާ ބޮޑަށް ރަނގަޅު ކަމަށެވެ. ޗެޓް ޖީޕީޓީ އާއި މިފަދަ އޭޭއައި ޚިދުމަތްތަކަކީ އަދިވެސް އެ އެއްޗެހީގެ ޅަފަތުގެ ދައުރުގައި ހުރި އެއްޗެއްސެވެ. އެއާ އެކު މި ކަމާ ގުޅޭ އެންމެ އެކަށީގެންވާ ގާނޫނުތައް ނެތުމުގެ ސަބަބުން މި ތަކެއްޗާ ގުޅޭގޮތުން އަމަލު ކުރާނެ އެންމެ ރަނގަޅު ގޮތްތައް ވެސް އަދި ހުރީ ކަނޑަ ނޭޅިއެވެ. އެހެންވީމާ މިފަދަ ހިދުމަތްތައް އަދި ސިއްހީ ދާއިރާއަށް ބޭނުންކުރުން އެންމެ އެކަށީގެން ނުވާ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ