ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް ކަސްޓަމްސްގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ނިންމުމަކީ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ މައްސަލަތައް މަޖިލީހުން ބެލުމަށް ލިބޭ ހިތްވަރެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިން ލަފަޔާ އެއްގޮތަށް ވަކިކުރަން އެންގީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން އެންގި ކަމަށް ވެސް ވިދާޅުވި އެވެ.
ފެނަކަ ކުންފުނީގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ މީހުންނަށް ފިޔަވަޅު އަޅަން މުއިއްޒު ނިންމެވުމަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. މިއީ މަޖިލީހުގެ ބާރުވެރި ކަމަށާއި ގަދަރަށް މުއިއްޒު އިހުތިރާމު ކުރާކަން ދައްކުވައިދޭ ނަމޫނާއެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"މި ކޮމިޓީ ތަކުގެ ނިންމުންތައް ރައީސުލްޖުމްހުރިއްޔާ، މި ސަރުކާރުން ތަންފީޒުކުރާނެކަން އަޅުގަނޑުމެންނަށް މިއޮތީ ލިބިފަ. އެހެންވީމަ، އަޅުގަނޑުމެންނަށް އާވެގެންދާ އުންމީދެއް އެއީ. ފެނަކައިގެ ކަންތައް ވެސް ދެން އެހެން ހުރިހާ ކުންފުންޏެއްގެ ކަންތައް ވެސް ބަލާފަ، މިގޮތަށް އެންގީމަ އެގޮތަށް ސަރުކާރުން އަމަލު ކުރަންވަންޏާ، އަޅުގަނޑު ދަންނަވާނީ މި ގައުމުގެ ކަންތައް ވެސް އިސްލާހުވާނެ އޭ، ކުންފުނިތައް ވެސް އިސްލާހު ވާނެއޭ،" ނާޒިމް ވިދާޅުވި އެވެ.
ސަބް ކޮމިޓީން ބަލަމުން ދަނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ތެރޭގައި ހިންގި ހިޔާނާތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އޮޑިޓު ރިޕޯޓުތައް ދިރާސާ ކުރުމުގެ މައްސަލަ އެވެ. ނާޒިމް އަކީ ސަބް ކޮމިޓީގެ މުގައްރިރެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުން އަންގާ ގޮތަށް ސަރުކާރުން އަމަލުކުރާނަމަ ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތް ކާމިޔާބުވާނެ އެވެ.
މުއިއްޒު މިއަދު ފިޔަވަޅު އެޅުއްވީ 241 ކޮމިޓީން ބެލި، ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލައަކާއި ގުޅޭ ރިޕޯޓަކާ ގުޅިގެންނެވެ.
ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް މިދިޔަ އަހަރު ނޮވެމްބަރު 1، އިން ފެށިގެން ބޮޑުކޮށް، ކުރިން ނަގި 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށްފަ އެވެ.
ސަރުކާރުން ސިނގިރޭޓު ޑިއުޓީގެ އަގު ބޮޑު ކުރުމުން ރާއްޖޭގައި ސިނގިރޭޓުގެ ވަގު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ ސިނގިރޭޓްތައް ފަހަކަށް އައިސް އަގުހެޔޮކޮށް ލިބޭކަން ފާހަގަކުރެވެ އެވެެ.
ކަސްޓަމްސްގެ ވެރިންނަށް ފިޔަވަޅު އަޅަން މުއިއްޒު އެންގުމަކީ މަޖިލީހުން މައްސަލަތައް ބަލަން ލިބޭ ހިތްވަރެއް: ނާޒިމް ކަސްޓަމްސްގެ ވެރިންނަށް ފިޔަވަޅު އަޅަން މުއިއްޒު އެންގުމަކީ މަޖިލީހުން މައްސަލަތައް ބަލަން ލިބޭ ހިތްވަރެއް: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ