ބިދޭސީން ޤާނޫނާ ހިލާފަށް ވިޔަފާރި ކުރާނަމަ ރިޕޯޓްކުރަން އެދިއްޖެ

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިދޭސީއަކު ޤަވާއިދާ ހިލާފަށް ވިޔަފާރިއެއް ކުރާކަން ފާހަގަކުރެވިއްޖެ ނަމަ އެކަން ރިޕޯޓްކުރަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އެދިއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ކުރި އާއްމު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަމަށެވެ. އެގޮތުން، ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް މިނިސްޓްރީއަށް ފާހަގަކުރެވޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ކަމަށެވެ.
މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނު ބުނާގޮތުން ބިދޭސީންނަށް ވަނީ ބައެއް ކަހަލަ ވިޔަފާރިތައް ހިންގުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ފާހަގަކޮށްލެވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓާއި ހޮޓްލައިން 3333199 އަށް ގުޅައިގެން ރިޕޯޓްކުރެވޭނޭކަމަށެވެ. އަދި އިމުގަ ޕޯޓަލް މެދުވެރިކޮށްވެސް ރިޕޯޓް ކުރެވޭނެއެވެ.
އެގޮތަށް ފޯރުކޮށްދޭ މައުލޫމާތު ސަރުކާުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ގާއިމްކޮށްފައިވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ