ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފީފާ ފެންވަރުގެ ދަނޑެއް އަޅާނަން: ރައީސް

ވިލިމާލޭގައި ދެން ހިންގަން ހަމަޖެހިފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފީފާ ފެންވަރުގެ ދަނޑެއްގެ އިތުރުން 300 ހައުސިން ޔުނިޓް އެޅުން ހިމެނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވިލިމާލޭގެ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މިރޭ ވަނީ އެ އަވަށުގެ މީހުންނާ ބައްދަލު ކުރައްވާފަ އެވެ.
މުހްޔިއްދީން ސްކޫލުގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވިލިމާލޭގައި ދެން އެންމެ އަވަހަށް ފަށާނެ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އަންނަ އަހަރު އެ އަވަށުގައި ފަށާނެ އެންމެ ބޮޑު އެއް މަޝްރޫއަކީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން ކަމަށާއި އެއީ ހުރިހާ އިންޑޯ ކުޅިވަރެއް ކުޅެވޭނެ ތަނެއް ކަމަށެވެ. 
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ 1،200 މީހުންނަށް ތިބެވޭ ގޮތަށް ހަދާނެ ތަނެކެވެ.
ސްޕޯޓްސް ކޮމްޕްލެކްސް އިތުރުން، ވިލިމާލޭގައި މިހާރު އޮތް ފުޓުބޯޅަ ކުޅޭ ދަނޑުގެ ފެންވަރު މަތި ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ފީފާ ސްޓެންޑަޑަށް އެ ދަނޑު ބަދަލުކުރަން ނިންމައި އެކަން ބަޖެޓުގައި ވެސް ހިމަނާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަރަދުކޮށްގެން އަޅާ 3،000 ފްލެޓްގެ ތެރެއިން 300 ހައުސިން ޔުނިޓް ވިލިމާލޭގައި އެޅުމަށް ވަނީ ނިންމާފަ އެވެ. މިއީ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ.
މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި އޭގެ މަތިން ހަނދުމަފުޅު ނުނެތޭ ކަމަށެވެ. ރައީސް ވައުދުވެވަޑައިގެންނެވީ 500 ފްލެޓް އެޅުމަށް ނަމަވެސް، މިހާރު 300 ފްލެޓް މި އަޅަނީ އޭގެ ފެށުމެއްގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އިތުރު ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ދެން ފްލެޓް އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭ ފޭސް އެކަކާއި ދޭއްގަ އެވެ.
މި މަޝްރޫއުތަކުގެ އިތުރުން ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމާއި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ތައްޔާރުވަމުންދާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ