މި މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރަން ރައީސް އޮފީހުން އަންގައިފި

މި މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ގްރާންޓް ފައިސާ ދޫކުރުމަށް ރައީސް އޮފީހުން ޔޫތު އެންޑް އިންފޮމޭޝަން މިނިސްޓްރީއަށް އަންގައިފި އެވެ.
ވީކިހިނެއް؟ - މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ މި ހިލޭ އެހީއަށް ޝަރުތު ހަމަވާ މީޑިއާތަކަށް ލިބޭ ފައިސާގެ އަދަދުތައް ވެސް މީގެ ކުރިން ޔޫތު މިނިސްޓްރީން ހާމަކުރި އެވެ. ނަމަވެސް އެ ކަނޑައެޅި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، ނިންމުން ބަދަލުކޮށް މީޑިއާ ކޮންޓްރޯލްކުރަން މި ސަރުކާރުން އުފެއްދި ކޮމިޝަނާ އެ މަސައްކަތް ހަވާލުކުރި އެވެ.
އޭގެ ފަހުން، އެ މަސައްކަތުގެ ތަފްސީލެއް ނުލިބޭއިރު ރައީސް އޮފީހުން މިހާރު ވަނީ މަސައްކަތް ހަލުވިކޮށް އަހަރު ނިމުމުގެ ކުރިން ފައިސާ ދޫކުރުމަށް އަންގައިފަ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުންދާ މަސައްކަތަކީ އުސޫލު އެކުލަވާލުމެވެ.
ސަރުކާރުން ނިންމާފައިވަނީ މީޑިއާ ކޮމިޝަނުން އުސޫލު އެކުލަވާލުމުން، ޔޫތު މިނިސްޓްރީއާ ގުޅިގެން ފައިސާ ދޫކުރުމަށެވެ. އެހެންވެ ޔޫތު މިނިސްޓްރީއަށް ރައީސް އޮފީހުން އެ މަސައްކަތް އަވަސްކުރުމަށް އެންގީ މިދިޔަ ހަފްތާގަ އެވެ.
މި ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން މީޑިއާ ކޮމިޝަނުގެ ނައިބު ރައީސް ޒަމްއަތު ވަހީދު 'ދައުރު'އަށް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ފައިސާ ދޫކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ޒަމްއަތު ވެސް ވިދާޅުވީ މީޑިއާ ކޮމިޝަނުން މި މަސައްކަތް ކުރަމުން އަންނަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.
"ޔޫތު މިނިސްޓްރީ އާއި އަޅުގަނޑުމެންނާ ގުޅިގެން އެ މަސައްކަތް ކުރަމުންދަނީ، އެ ގޮތަށް މަސައްކަތް ކުރާ ގޮތަށް އޮތީ،" އިތުރު ތަފްސީލެއް ނުދެއްވައި ޒަމްއަތު ވިދާޅުވި އެވެ.
އެނގުން މުހިންމު - ޔޫތު މިނިސްޓްރީން މީގެ ކުރިން އިއުލާން ކުރި ލިސްޓުން އެނގޭ ގޮތުގައި، އެންމެ ގިނަ ފައިސާ ލިބެނީ އެ މިނިސްޓްރީގެ މިނިސްޓަރުކަން ކުރައްވާ މުހައްމަދު ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގަށް ނިސްބަތްވާ މީޑިއާތަކަށެވެ. އެގޮތުން:
ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ
ސަންގު އޮންލައިންއަށް 1.3 މިލިއަން ރުފިޔާ
ޖުމްލަ 5.1 މިލިއަން ރުފިޔާ
މީގެ އިތުރުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ މަސްހަލަތު އޮންނަ ދަ ޕްރެސްއަށް ވެސް، ލިސްޓުގައިވާ ގޮތުން، 1.3 މިލިއަން ރުފިޔާ ލިބެ އެވެ.
ވަރަށް މަދު މުވައްޒަފުންނާ އެކު އެކަށީގެންވާ ވަރަށް ނުހިންގާ މީޑިއާތަކަށް ވެސް މިލިއަނުން ފައިސާ ދިނުމަށް ލިސްޓުގައި ހިމަނާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި މާލީ އެހީތެރިކަމާ ގުޅޭ އުސޫލު އިއުލާންކޮށް، އެއަށް ކުރިމަތިލާން ހުޅުވާލީ ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން، ނޫސްވެރިން ކޮންޓްރޯލް ކޮމިޝަންގެ ބިލާ ދެކޮޅަށް އޭރު ބޮޑު ކެމްޕެއިނެއް ހިންގަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ