ސްރީލަންކާ ތަމްސީލު ކުރުމަށް، ތިމާވެއްޓާ ބެހޭ ކޮންފަރަންސް، ކޮޕް- 27 ގައި ބައިވެރިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަޑައިގަންނަވާފައި ވާތީ އެއީ ގާނޫނާއި ހިލާފު އަމަލެއްގެ ގޮތުގައި ކަނޑައަޅުއްވައި މެމްބަރުކަމުން ވަކިކޮށްދޭން އެދި އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ރައީސް ނަޝީދު މި ކޮންފަރެންސްގައި ބައިވެރިވަނީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ ހައިސިއްޔަތުންނެވެ. ގާނޫނުއަސާސީގެ 75 ވަނަ މާއްދާ ބުނާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލު ކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާއި ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެކަމަށް ބުނެފައި ވެއެވެ. އެ މާއްދާގައި ބުނެފައި ވަނީ ”އެބައި މީހުން، އެބައި މީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތް ކުރާންވާނެ“ ކަމަށެވެ.
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅުއްވާފައި ވަނީ، ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ. އެއީ، މިސްރުގައި ކުރިޔަށް ދާ ކޮޕް – 27 ސަމިޓުގައި ރައީސް ނަޝީދު ސްރީލަންކާ ތަމްސީލު ކުރުމަށް އެ ގައުމުގެ ވަފުދުގައި ބައިވެރިވެވަޑައިގެންފައި ވާތީ ގާނޫނީ ގޮތުން އެފަދަ އެއްވެސް ފުރުސަތެއް ލިބިގެން ނުވާކަމަށް ބުނެ އެވެ.
މައްސަލައާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރައްވައި، ތާލިބު ވިދާޅުވީ ރައީސް ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ މަޖިލީހުގެ މެމްބަރެއްގެ ޒިންމާތަކާއި ޝަރުރުތަކާއި ހިލާފު އަމަލެއް ކަމަށެވެ. ރައީސް ނަޝީދު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ހިލާފުވެފައިވާކަމަށް ބުނެ ތާލިބު ހުށަހެޅުއްވި މައްސަލައިގައި ވަނީ ރައީސް ނަޝީދު ބައިނަލްއަޤުވާމީ ކޮންފަރެންސެއްގައި ސޯޝަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ސްރީލަންކާގެ ޑެލިގޭޝަނުގައި އެ ގައުމު ތަމްސީލު ކުރުން ގޯސް ވަނީ، 75 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރަން ޖެހޭނީ ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތާއި ހެވާއިލާބައަށް ބަލައިގެންކަމަށް ބަޔާން ކުރާ ވާޖިބުތަކާއި ހިލާފުވެފައިވާ ތީ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެ ހުރެ، ރާއްޖޭގެ ގާނޫނު އަސާސީގެ ޖަދުވަލު 01 ގެ، 04 ވަނަ ނަމްބަރުގައި ވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން މަގާމާއި ހަވާލުވީއިރު ގާނޫނު އަސާސީން ލާޒިމު ކުރާ ހުވައާއި ހިލާފު އަމަލަށް ވާތީ ގާނޫނު އަސާސީ އާއި ހިލާފަށް ކުޅަ އަމަލު ތަޖްރީމް ކުރެވޭނީ ގާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމަށް މައްސަލައިގައި ވެއެވެ.
މި ގާނޫނާއި ހިލާފަށް ކުރާ ކޮންމެ އަމަލެއް އެއީ، ބާތިލުކަމެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި ވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ މެމްބަރަކަށް ވެ ހުރެ ކުރި ހުވަޔާއި ހިލާފުވީ ދުވަހުން ފެށިގެން އެމަނިކުފާނުގެ ކިބައިން ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ޝަރުތުތައް، އުނިވެފައިވާކަމަށް ބަލައި ގާނޫނުގައި ބުނާ ގާނޫނީ ޝަރުއީ މަގާމާއި ހައިސިއްޔަތު ބާތިލުވެފައިވާތީ ރައްތިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް ކަނޑައަޅައިދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ.
މައްސަލައިގައި އިތުރަށް ބުނެފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އަމަލު ކުރަން ވާނީ ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެންކަމަށް ބުނާ ކަމަށެވެ. އެހެންކަމުން ކޮޕް-27 ގައި ބައިވެރިވުމަށް ދިވެހި ދައުލަތުގެ ފަރާތުން ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގަންނަވާއިރު ދައުލަތުގެ އެއް ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސްރީލަންކާ ތަމްސީލު ކުރުމަކީ ދައުލަތުގެ ސިޔާދަތީ ބާރުގެ މަސްލަހަތުތަކާއި ފުށު އަރާކަމަށް މައްސަލައިގައި ވެއެވެ.
މިއީ ދުސްތޫރީ މައްސަލަ ފުށުއެރުމެއްކަމުގައި ވުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކި ކުރަން ޖެހިއްޖެ ތޯ ބެލުމުގެ އިހްތިސާސް އޮތީ ސުޕްރީމް ކޯޓުގެ އިހްތިސާސީ ބާރުގެ ތެރޭގައިކަން ފާހަގަކޮށް މައްސަލައިގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ ދަށުން ގާނޫނު މާނަ ކުރުމުގެ ބާރު ސިޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާ ނިންމުމެއްކަމުގައި ވިޔަސް ގާނޫނު އަސާސީ އާއި ހިލާފުވާނަމަ އެ ހިލާފުވާ މިންވަރެއް އެއީ ބާތިލުކަމެއްގެ ގޮތުގައި ކަނޑައެޅުމުގެ ގާނޫނީ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.
ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޮންމެ ކޯޓަކަށްމެ، އަންނަނިވި ކަންތައްތަކުގެތެރެއިން އެ ކޯޓެއްގެ އިޚްތިޞާޞްގެތެރޭގައި ހިމެނޭ ކަންތައްތައް ކުރުމުގެ ބާރު އެ ކޯޓަކަށް ލިބިގެންވެއެވެ.
(ހ) ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރު އެއީ ބާޠިލް އެއްޗެއް ނުވަތަ ބާޠިލް ކަމެއް ކަމުގައި ކަނޑައެޅުން.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ނިންމުމަކާ ގުޅިގެން ޢަދުލުވެރި އެހެނިހެން އަމުރުތައް ނެރުން. މީގެތެރޭގައި އަންނަނިވި ކަންތައްތައް ވެސް ހިމެނެއެވެ.
ރައީސް ނަޝީދު އެހެން ގައުމެއް ތަމްސީލު ކުރުމަށް، ކޮޕް ކޮންފަރެންސްގައި ބައިވެރުވުމާއި ގުޅޭގޮތުން ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ސުވާލު އުފައްދަވަ އެވެ. މި މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވިދާޅުވީ، ބޭރުގެ އެހެން ގައުމެއްގެ ޑެލެގޭޝަން ނުވަތަ އެ ވަފުދުގައި ބައިވެރިވުމަށް މަޖިލީހުގެ ރައީސަށް ގާނޫނު އަސާސީން ތަނެއް ނުދެ އެވެ.
ރައީސް ނަޝީދުގެ ދިފާއުގައި އެމަނިކުފާނާއި އަރިސް މެމްބަރުން ތެދުވުނު ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި، މިއީ އެއަށް ވުރެ ބޮޑަށް ގާނޫނީ ސުވާލުތަކެއް އުފެދޭ މައްސަލައެކެވެ. ރައީސް ނަޝީދު ކޮޕްގައި އެހެން ގައުމެއް ތަމްސީލު ކުރުމާއި މެދު ސުވާލު އުފެދުނު އިރު އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރުކަން އަދާ ކުރަމުން ޝާހިދަށް ކުރެވިދާނެ ތޯ ވެސް ގާނޫނީ ސުވާލުތަކެއް އުފެދުނެވެ.
މި މައްސަަލައިގައި ރައީސް ނަޝީދުގެ މަގާމު ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން މައްސަލަ ބަލައިގަތުމާއި މެދު ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.
މެންބަރުކަމުން ނަޝީދު ވަކިވެފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ