ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށް ގެންދާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ދިވެހި ފެތުންތެރިން ރާއްޖެ އަށް ގައުމީ އިތުރު ހަ ރެކޯޑެއް އާކޮށްދީފި އެވެ.
މިދިޔަ ހުކުރު ދުވަހު ގޭމްސްގެ ފުރަތަމަ ދުވަހު މުހައްމަދު އާން ހުސެއިން ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ރެކޯޑް އާކުރިއިރު، ލޫތު މުހައްމަދު ހުސެއިން ވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން ރެކޯޑް އާކޮށްފަ އެވެ. އެ އަށް ފަހު، މިއަދާ ހަމައަށް ރާއްޖޭގެ ފެތުންތެރިން މި ވަނީ ހަތަރު ދުވަސް މަތިން 8 ގައުމީ ރެކޯޑް އާކޮށްފަ އެވެ.
The most trusted news source in the Maldives
މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ ފެތުންތެރިން ވާދަކުރި ތިން އިވެންޓުގެ ތެރެއިން ދެ އިވެންޓަކުން ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓްގެ ރެކޯޑް މެރާލް އައިން ލަތީފް އާކުރީ 2:25.08 އިން ފަތައިގެންނެވެ. މިއީ މީގެ 10 އަހަރު ކުރިން، 2016 ވަނަ އަހަރު އޮތް ސްޕީޑޯ ތައިލެންޑް އޭޖްގުރޫޕް ޗެމްޕިއަންޝިޕްގައި 2:25.32 އިން ފަތައިގެން އާމިނަތު ޝަޖަން ހަދާފައިވާ ރެކޯޑެކެވެ.
ލޯންގްކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭގައި ވާދަކޮށް އާން އާއި މުހައްމަދު ރިހާން ޝިހާމް އަދި މެރާލް އާއި އަމްނާ ތަޒްކިޔާ މިރުސާދު ވަނީ 4:00.64 އިން ރޭސް ފުރިހަމަ ކޮށްގެން ގައުމީ ރެކޯޑް އާކޮށްފަ އެވެ. މި ރެކޯޑް އެންމެ ފަހުން ހަދާފައި ވަނީ މިދިޔަ އަހަރު ބޭއްވި 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި 4:04.21 އިން ފަތައިގެންނެވެ.
ހޮނިހިރު ދުވަހު އާން ވާދަކުރި ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓް ނިންމީ 24.59 ސިކުންތުންނެވެ. މިއީ މިދިޔަ އަހަރު އޭނާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ރެކޯޑް ހެދި ޓައިމިން އަށް ވުރެ 0.78 ސިކުންތު ލަސް ޓައިމިންއެކެވެ.
އިއްޔެގެ ދެ އިވެންޓުގައި ތަޒްކިޔާ އަދި ލޫތު ވެސް ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ. ތަޒްކިޔާ އާކުރީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓްގެ ރެކޯޑެވެ. އޭނާ ވަނީ 1:02.74 ސިކުންތުން ރޭސް ފުރިހަމަ ކޮށްފަ އެވެ. މީގެ ކުރިން އޭނާ އަތުގައި މި ރެކޯޑް އޮތީ މިދިޔަ އަހަރު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި 1:03.67 އިން ފަތައިގެންނެވެ.
ލޫތު އާކުރީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑެވެ. އޭނާ ރެކޯޑް ހެދީ 31.54 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. މީގެ ކުރިން އޭނާ އަތުގައި މި ރެކޯޑް އޮތީ މިދިޔަ އަހަރު ރޮމޭނިއާ ގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއޭޓިކަސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝީޕްގައި 31.81 ސިކުންތުން ފަތައިގެންނެވެ.
--
މިއަދު ތިން އިވެންޓެއް ކުރިއަށް ގެންދިޔައިރު ރެކޯޑް އާކުރީ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓާއި އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ރެކޯޑެވެ.
މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ފަތައިގެން މެރާލް ރޭސް ފުރިހަމަ ކުރީ 6:03.71 އިންނެވެ. މެރާލް އަތުގައި މި އިވެންޓްގެ ރެކޯޑް އޮންނަނީ 10 ވަނަ ވޯލްޑް އެކުއޭޓިކްސް ޖޫނިއާ ޗެމްޕިއަންޝިޕްގައި 5:57.86 އިން ފަތައިގެންނެވެ.
އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ރެކޯޑް އާކުރީ ތަޒްކިޔާ އެވެ. އޭނާ ރެކޯޑް އާކުރީ 31.55 ސިކުންތުން ފަތައިގެންނެވެ. އެންމެ ފަހުން މި ރެކޯޑް އޭނާ އާކޮށްފައި ވަނީ މިދިޔަ އަހަރު ބަހްރޭނުގައި އޮތް ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި 32.57 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯޑް އާކޮށްފައި ވަނީ ރިހާން އެވެ. އޭނާ މި ރެކޯޑް އާކުރީ 02:23.94 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އޭނާ އާކޮށްފައި ވަނީ މިދިޔަ އަހަރު ބޭއްވި 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 02:25.20 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ.
ރިހާން ވަނީ ކޮމަންވެލްތު ގޭމްސްގެ ކުރިން، ބަހްރޭނުގައި ބޭއްވި ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑްވެސް އާކޮށްފަ އެވެ. އޭނާ އެ ރެކޯޑް އާކުރީ 5:11.03 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މީގެ ކުރިން އޭނާ އަތުގައި މި ރެކޯޑް އޮތީ 2023 ގައި ބޭއްވި 19 ވަނަ އޭޝިއަން ގޭމްސް ގައި 05:14.03 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ.
ރާއްޖޭގެ ފެތުންތެރިން އިތުރު ހަ ރެކޯޑެއް އާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ