މާލޭ ކައުންސިލް ޖަލްސާތައް ނުބޭއްވޭތާ މަހެއް ވަނީ؛ ޕީއެންސީ ކައުންސިލަރުން ހާޒިރެއް ނުވޭ

މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕީއެންސީގެ ބައެއް ކައުންސިލަރުން ހާޒިރުނުވާތީ އެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާތައް ނުބޭއްވޭތާ މަސްދުވަސް ވުމާ ގާތްވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ކައުންސިލުގެ ރަސްމީ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ 21 މާޗުގަ އެވެ. އޭގެ ފަހުން:
މިހާތަނަށް ހަ ޖަލްސާއެއް އެޖެންޑާކޮށް ބާއްވަން މަސަައްކަތްކޮށްފައިވޭ؛ މިއަދަށް އަށް ހަފްތާވީއިރު، ޕީއެންސީގެ ބައެއް ކައުންސިލަރުން ހާޒިރުނުވާތީ، އެއްވެސް ޖަލްސާއެއްގެ ކޯރަމެއް ހަމައެއް ނުވޭ 
މި ޖަލްސާތަކުގެ ހާޒިރީ ދައްކާ ގޮތުން، ބައެއް ޖަލްސާތަކަށް ހާޒިރުވެފައިވަނީ ތިން ވަރަކަށް ކައުންސިލަރުން؛ އަނެއް ބައި ޖަލްސާތަކަށް ހާޒިރުވެފައިވަނީ ހަތް ކައުންސިލަރުން އަދި ނުވަ ކައުންސިލަރުން 
ޖަލްސާގެ ކޯރަމް ހަމަވަނީ 10 ކައުންސިލަރުން ތިބެގެން
ތަފްސީލް - މިދިޔަ 25 މާޗުގެ ފަހުން ހަ ޖަލްސާއެއް އެޖެންޑާކުރިއިރު އޭގެ ތެރެއިން ކޯރަމް ހަމަވެގެން ފެށިފައިވަނީ އެންމެ ޖަލްސާއެކެވެ. އެކަމަކު، މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޭއްވި އެ ޖަލްސާ ވެސް ފެށިތާ މާ ގިނައިރުތަކެއް ނުވެ ކޯރަމް ގެއްލިގެން ނިންމާލީ އެވެ. 
އެ ޖަލްސާގެ ކޯރަމް ޕީއެންސީން ގެއްލުވާލީ، ފްލެޓާއި ގޯއްޗަށް ކުރިމަތިލާ މީހުންނަށް އެހީތެރިވެދިނުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ހުށަހަޅުއްވާފައިވާ ހުށަހެޅުން ފެށުމާ އެކު އެވެ. އެ ޖަލްސާގައި ކުރެވުނު ހަމައެކަނި މަސައްކަތަކީ، އެޖެންޑާ ފާސްކުރުމާއި ހައުސިން މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމެއް ފާސްކުރުން އެކަންޏެވެ.
އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގެ ވެސް ކޯރަމް ހަމައެއް ނުވެ އެވެ. ޕީއެންސީ ބައެއް ކައުންސިލަރުން ހާޒިރުނުވެގެން މިއަދުގެ ޖަލްސާ ވެސް ނިންމާލިއިރު، އެޖެންޑާގައި ރައްޔިތުންނާ ގުޅޭ މުހިންމު މައްސަލަތަކެއް އޮތެވެ. އެ މައްސަލަތައް ހުށަހަޅުއްވާފައިވަނީ ވެސް ސައިފާއި ނާޒިމާ އެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވީ އަށް ކައުންސިލަރުންނެވެ. 
މިއަދުގެ އެޖެންޑާގައި އޮތް މައްސަލަތަކަކީ:
ފްލެޓާއި ގޯއްޗާ ކުރިމަތިލާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކައުންސިލުގެ ތަކެއްޗާއި ތަނާއި ބަޖެޓު ބޭނުންކޮށްގެން އިންތިޒާމުތަކެއް ހަމަޖައްސަން މަަޝްވަރާކޮށް ގޮތެއް ނިންމުން
މާލޭ ސިޓީ ކައުންސިލަށް ވަދެނިކުންނަ މަގު ބަންދުވާ ގޮތަށް ސައިކަލު ބެހެއްޓުން ހުއްޓުވުމުގެ ތަންފީޒީ ކުޅަދާނަކަން ލިބެންދެން އެތަކެތި ނަގާ އުކާލުން ހުއްޓާލުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން
އާންމު އުނދަގުލާ ބެހޭ ގައިވާދަށް ގެންނަންޖެހޭ ބަދަލުތައް ފާސްކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
މާލޭގެ ސިނާއީ ސަރަހައްދު ކައުންސިލާއި ހަވާލުކުރުމަށް ގޮވާލުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް
ވިލިމާލޭގައި ސަރުކާރުން އަޅަން ނިންމާފައިވާ 300 ފްލެޓު މަޝްރޫއާ މެދު އާންމުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، އެ މަޝްރޫއުއަށް ބަދަލު ގެނައުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
މީގެ އިތުރުން، މިއަދުގެ ޖަލްސާެއަށް އިދާރީ ގޮތުން ވެސް ދެތިން މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، ލޯކަލް މާރުކޭޓުތަކުން ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު އިތުރުކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމުމާއި ބޮޑުތަކުރުފާނު ތަރައްގީ ކުރުމަށް މަސްވެރިންގެ މައިޒާނުން މަގަށް އަރާގޮތަށް ހުރި ބައި ތަޅާލުމާ ބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވެސް ހުށަހަޅާފައިވެ އެވެ. 
މަގު ހެެދުމުގެ މަސައްކަތަށް ކައުންސިލުން ހުރަސް އަޅާ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު މިފަހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އެކަމަކު ރައީސް އެ ދުވަހު ވިދާޅުވެފައިވަނީ، އެކަމަށް ހުރަސް އަޅަނީ އެމްޑީޕީގެ ކައުންސިލަރުން ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ، ލޯކަލް މާރުކޭޓު ސަރަހައްދުގެ މަގު ފުޅާކޮށް ތާރުއަޅާފައިވާއިރު އެތަނުގެ ޕޭމަންޓު ނެތީ ވެސް އެހެންވެ ކަމަށެވެ.
އެނގުން މުހިންމު - ޕީއެންސީގެ މެޖޯރަޓީ އޮތް މާލެ ކައުންސިލުގެ ރަސްމީ ޖަލްސާތަކަށް އެ ޕާޓީގެ ކައުންސިލަރުން ހާޒިރު ނުވެ، ގަސްތުގައި ކައުންސިލްގެ ބައްދަލުވުންތަކުގެ ކޯރަމް މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ ގެއްލުވާލާފަ އެވެ. އޭގެ ސަބަބުން ޖެހިޖެހިގެން އެތައް ޖަލްސާއެއް ކެންސަލް ކުރަން ޖެހުނެވެ. 
މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވަނީ ކައުންސިލުގެ މެޖޯރިޓީ ގެއްލިފަ އެވެ. ކުރިއަށް އޮތް ދައުރަށް ކައުންސިލުގެ މެޖޯރިޓީ ލިބިފައިވަނީ އިދިކޮޅު އެމްޑީޕީ އަށެވެ. 
މިހާރުގެ ކައުންސިލަރުންގެ ތެރެއިން ޖުމްލަ އަށް ޕީއެންސީ ކައުންސިލަރަކު ދެވަނަ ދައުރަކަށް ވާދަ ކުރެއްވި އެވެ. އެ ހުރިހާ ބޭފުޅުންނަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ. ދެވަނަ ދައުރެއް ކަށަވަރުކުރެއްވީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މިހާރުގެ މޭޔަރު އާދަމް އާޒިމް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ