ސަރުކާރު ކޯލިޝަން ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށްދާނެ - މައުމޫން

ސަރުކާރު ކޯލިޝަން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް އޮތްތަނުގައި ކުރިއަ ށްދާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ޝުކުރިއްޔާ" މިނަމުގައި ޕީޕީއެމުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތެއް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލިބިފައި އޮތުމުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ހުރިހާ ކަންތައްތަކެއް ކާމިޔާބު ކަމާއެކު ކުރުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަޅުގަނޑުމެންގެ އިއްުތިހާދުގެ އަޣުލަބިއްޔަތެއް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތުމާއެކީގައި އަޅުގަނޑު އުންމީދު ކުރަނީ އަދި ޔަގީން ކުރަނީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ހުރިހާ ކަންތައްތަކެއް އަދި ރައްޔިތުންގެ މަންފާއާ ލާބައަށްޓަކާ ރާއްވާފައިވާ ހުރިހާ ކަމެއް އިއުލާން ކުރައްވާފައިވާ ހުރިހާ ޕްރޮޖެކްޓްތަކާއި މަޝްރޫއުތަކެއް، ހުރިހާ ޕްރޮގްރާމްތަކެއް ކާމިޔާބު ކަމާއެކު، ވަރަށް ފަސޭހަ ކަމާއެކު ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާ ތާއީދާއެކު ކުރިޔަށް ދާނެ ކަމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކޯލިޝަންގެ އަޣުލަބިއްޔަތެއް މަޖިލީހުގައި އޮވެގެން މެނިފެސްޓޯގައިވާ ކަންތައްތައް ކޮށްދެވޭނެ ކަން ރައްޔިތުން ވެސް ބަލައިގެންފައިވާ ކަމަށާއި އެގޮތުން ކެމްޕެއިން ދަތުރުތައް ކުރި ކޮންމެ ރަށެއްގައި ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާކަން ހާމަކޮށްދީފައިވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް މައުމޫން ވަނީ ސަރުކާރު ކޯލިޝަނަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބާއި ކުރިމަތިލީ ވަރަށް ގިނަ ގޮންޖެހުމާއި ދަތިތަކާއިއެކު ކަމަށާއި ނަމަވެސް އިހުލާސްތެރި ކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އަދި މިކާމިޔާބީއަކީ ޕީޕީއެމަށާއި ކޯލިޝަނަށް ލިބުނު ކާމިޔާބީއެއް އަދި ކުރިއެރުމަކަށްވާތީ ކޯލިޝަންގެ ލީޑަރުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ