ރައްޔިތުން އެދިއްޖެ ނަމަ ރައީސް ކަމަށް ވާދަކުރާނަން: ނާޒިމް
ރައީސް ކަމަށް ވާދަކުރެއްވުމުގެ ވިސްނުމެއް މިވަގުތު ނެތަސް، ރައްޔިތުންގެ ގިނަ ބަޔަކު އެދިއްޖެ ނަމަ 2018 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކުރެއްވި މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. މި ސަރުކާރުގެ އިތުރު ވަޒީފާއެއް ބޭނުން ނުކުރައްވާނެ ކަމަށާއި ނަމަވެސް ސިޔާސީ ހަޔާތް ނިމުމަކަށް ނުގެންނަވާނެ ކަމަށް، ޑިފެންސް މިނިސްޓަރު ކަމުން ވަކިކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މީޑިއާއާ ބައްދަލު ކުރައްވެއްވުމަށް ފަހު ނާޒިމް ވިދާޅުވި އެވެ. "މި ކަހަލަ ކަމެއް ކޮށްގެން އަޅުގަނޑު އެއްވެސް ހާލެއްގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފަހަތަކަށް ނުޖެހޭނަން، ދިވެހި ލޮބުވެތި ރައްޔިތުނަށް، ހާއްސަކޮށް މި ވަގުތު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ދަންނަވަން،" މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށް، އޭނާގެ މައްޗަށް ހަތިޔާރު ގެންގުޅު ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަ އަށް އިޝާރަތްކުރައްވައި ނާޒިމް ވިދާޅުވި އެވެ. "ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ހިދުމަތުގައި ސާބިތުކަމާ އެކު އަޅުގަނޑު ހުންނާނަން. ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި އަޅުގަނޑު ހުންނާނީ ފޫގަޅައިގެން. އިރާދަ ކުރެއްވިއްޔާ މިއަށްވުރެ މަތީ މަގާމެއްގައި މަސައްކަތް ކުރުމަކީ އަޅުގަނޑު ކުރާ އުއްމީދެއް. އެ އުއްމީދު ހާސިލް ކުރުމަށްޓަކައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނަން." އެ އުއްމީދަކީ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުންތޯ ނޫސްވެރިން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ އެފަދަ އުއްމީދެއް އަދި ނެތް ކަމަށެވެ. "ހަގީގަތުގައި އެއީ [އިންތިހާބުގައި ވާދަކުރުމަކީ] އަޅުގަނޑު އެއްވެސް ގޮތަކަށް ވިސްނާފައި އޮތް ކަމެއް ނޫން. އަޅުގަނޑު ވާނީ އަޅުގަނޑުގެ ސިޔާސީ އެކުވެރިންނަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެކަން ދަންނަވާފައި. އެހެން ނަމަވެސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް އެކަމުގެ ފުރިހަމަ ހައްގު އޮތް ފަރާތެއް،" ދިޓީވީގެ ސްޓޫޑިއޯގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނާޒިމް ވިދާޅުވި އެވެ. "ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަން [ރައީސްކަން] ކުރަން އެދެފި ހާލަތެއްގައި އެކަން ކުރުމަށް އިރާދަ ކުރެއްވިއްޔާ ނުކުންނާނަން." ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ "ވަރަށް ބޮޑު އުފަލެއް" ކަމަށް، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ ގޮތުގައި ވެސް ހުންނެވި ނާޒިމް ވިދާޅުވި އެވެ. ރައީސް ޔާމީން ހަވާލުކުރެއްވި ހުރިހާ މަސްއޫލިއްޔަތެއް ފުރިހަމަ އަށް އަދާކުރެއްވެވި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ޑިފެންސް މިނިސްޓަރެއްގެ ހައިސިއްޔަތުން ސަރުކާރުގެ ވަރަށް ގިނަ ސިއްރުތައް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެންކަމުން މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކާ އެކުގައި ނުކުމެ ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތް ނުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރަށް ފުރުސަތު ދިނުމަށް ފަހު އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ