މަޝްހޫރު ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލުމުގެ ކުށް ސާބިތުވުމުން، ށ. ގޮއިދޫ ރިހާބު، ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ހުކުމް އޭނާ އިސްތިއުނާފު ކޮށްފިއެވެ.
މިމައްސަލަ އަދި ހައިކޯޓުން ބަލައިގެންފައި ނުވެއެވެ. ނަޖީބު އަވަހާރަކޮށްލި މައްސަލައާގުޅިގެން ހަނާގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.
އޭނާގެ މައްޗަށް އެކުށް ސާބިތުވެފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި އޭނާ އަމިއްލައަށް އެދައުވާއަށް އިއުތިރާފުމުންނެވެ. ތަހުގީގު މަރުހަލާގައި ވެސް އޭނާ ވަނީ އެންމެ ފުރަތަމަވެސް އެކުށަށް އިއުތިރާފުވެ އޭނާގެ މައްޗަށް ހައްޤުވާ އަދަބު ދިނުމަށް އެދިފައެވެ.
ޤާނޫނީ ވަކީލް އަހްމަދު ނަޖީބު އަވަހާރަކޮށްލާފައި ވަނީ ހަނާގެ ލޯބިވެރިޔާ އަހުމަދު މުއްރަތާ ހަނާ ބައިވެރިވެގެންނެވެ. ނަޖީބު އަވަހާރަކޮށްލުމުގައި އަމަލީގޮތުން މުއްރަތާ ބައިވެރިވެފައިވާކަމަށް ހަނާވަނީ ކްރިމިނަލް ކޯޓުގައި އެތައްފަހަރަކު އަމިއްލައަށް އިއުތިރާފް ވެފައެވެ.
މުއްރަތާއި ހަނާ ކޯޓުގައި ޢިއުތިރާފްވެފައިވާގޮތުގައި ޤާނޫނީ ލަފައެއް ހޯދުމަށްކަމަށްބުނެ މުއްރަތުގެ ގެ، މ. މަސްރޫރާގޭއަށް ނަޖީބު ގެންގޮސް އެ ދެ މީހުން ދިރިއުޅުނު ކޮޓަރިތެރޭގަ ނަޖީބު އަވަހާރަކޮށްލީ ވަޅިން ބިރުދައްކައިގެން އެތަނަށް އޭނާ ވައްދައި ގޮނޑިއެއްގައި އައްސައި އަނގަމަތީގައި ޓޭޕް އެޅުމަށްފަހު އޭނާގެ ކަރަށް ވަޅިން ޙަމަލާދީގެންނެވެ. ހަނާއާއި މުއްރަތު ކްރިމިނަލް ކޯޓުގައި އިޢުތިރާފް ވެފައިވާގޮތުގައި ނަޖީބު އަވަހާރަކޮށްލުމުގެ ކުރިން ހަނާއާއި މުއްރަދުވަނީ އެ ކޮޓަރީގައި އޭނާ ބަންދުކޮށް ބޭންދުމަށްފަހު އޭނާގެ ކޭޝްކާޑާއި ފޯނު ފޭރިގަނެ ކޭޝްކާޑުން ފައިސާ ނަގައި މަސްތުވާ ތަކެއްޗާއި ބަނގުރާ ގަނެ އެތަކެތި ބޭނުންކޮށްފައެވެ. އަދި ނަޖީބު އަވަހާރަކޮށްލީ މަސްތުވެގެން ތިބެކަމަށްވެސް އެމީހުންވަނީ ޢިއުތިރާފްވެފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ހަނާއާއި މުއްރަތު ވެފައިވާ އިއުތިރާފުން، އެ ދެ މީހުން ގަސްތުގައި ނަޖީބު މަރާލާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ.
މުއްރަތާއި ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިއަހަރުގެ ޖުލައިމަހުގެ 19 ވަނަދުވަހުއެވެ.
ހަނާގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ