އަބްދުﷲ ގާޒީ ބަންދު ކުރި މައްސަލާގައި ހުޅުމާލެ ކޯޓަށް ފުރަތަމަ ހުށަހެޅީ ތިން މައްސަލަ: މޫސާ ނަސީމް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ދައުވާކުރަށް ފުރަތަމަ ހުށަހެޅީ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް މޫސާ އަލީ ޖަލީލުގެ މައްޗަށް ކަމަށް އޭރު ހުޅުމާލެ ކޯޓާ ހަވާލުވެ ހުންނެވި ހުޅުމާލެ ކޯޓުގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ވިދާޅުވެއްޖެއެވެ.
ނަމަވެސް އެމައްސަލަތައް އިދާރީގޮތުން ހިންގެން ނެތިގެންނާއި ކޯޓުގެ ޖާގައިގެ ދަތިކަމާއި އަދި ރެކޯޑިންގ ސިސްޓަމް ކަހަލަ އެންމެ އާދައިގެ ވާސީލަތްތައްވެސް ނެތުމުން އެމައްސަލަ ބެލަން ދަތިތަކެއް ހުރިކަމަށް ބުނެ އެ ތިން މައްސަލަ ޕީޖީގެ އޮފީހަށް އަނބުރާ ފޮނުވާލެއްވީ ކަމަށާއި ނަމަވެސް ޕީޖީ އޮފީހުން ހުލުމާލެ ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލަތައް ބެލޭނެ ކަމަށް ހުކުމް ކުރުމުން ދެވަނަ ފަހަރަށް ޕީޖީގެ އޮފީހުން އިތުރު ދެ މައްސަލަ އަކާއެކު ޖުމުލަ 5 މައްސަލަ ހުޅުމާލެ ކޯޓަށް ހުށަހެޅިކަމަށް ފަނޑިޔާރު މޫސާ ނަސީމް، މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ހާޒިރުވެ އަންގާރަ ދުވަހު (އިއްޔެ) މައުލޫމާތު ދީފައިވެއެވެ.
ހުޅުމާލެ ކޯޓަށް ފަހުން ހުށަހަޅާފައިވަނީ އެމްއެންޑީއެފްގެ އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރ ބްރިގޭޑިއާރ ޖެނެރަލް އިބްރާހިމް ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްސަލައެވެ.
ފަނޑިިޔާރު މޫސާ ނަސީމް އިތުރަށް ވިދާޅުވީ ޕީޖީން އެ 5 މައްސަލަ ހުށަހެޅި ދުވަހު އައީ ދުވަހަކުވެސް މައްސަަލައެއްގައި ދެކިފައިނުވާ ވަރަށް ގިނަ ލިޔެކިޔުންތައް ހިފައިގެން ކަމަށާއި، އެ ލިޔެކިޔުންތައް އެކަނި ދިރާސާ ކުރާނަމަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެހެންކަުން އެމައްސަލަތަކުގައި އެހާގިނަ ލިޔެކިޔުންތައް ހުރުމުން ދިރާސާކުރުމަށާއި އަދި މައްސަލަ ނިންމާ ގޮތާމެދު ރައްޔިތުންގެ އިތުބާރު ކުރެވޭ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަ ދިނުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގައިި އެދިފައިވާނެ ކަމަށެވެ. އަދި އެމައްސަލަތަކާއި ހުޅުމާލެ ކޯޓުގެ އިސްމެޖިސްޓްރޭޓް މޫސާ ނަސީމް ހަވާލުވެ އޭނާގެ އިތުރުން އިތުރު ދެ ފަނޑިޔާރުން ކަމުގައިވާ ކ.އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސަމީރު އާއި ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު މޫސާ ހަމަޖައްސައި ދިނުމަށް ޖޭއެސްސީގައި އެދިފައިވަނިކޮށް، ޖޭއެސްސީން ވަކިއެއްޗެއް ހުޅުމާލެ ކޯޓަށް އެންގުމެއްނެތި އެމައްސަލަތައް ބެލުމަށް އެހެން ތިން ފަނޑިޔާރަކު، މާލެ ޖުޑީޝަލް ދާއިރާ ދޫކޮށް އަދި ކ.ޖުޑީޝަލް ދާއިރާ ދޫކޮށް އއ އަތޮޅުންނާއި އދ އަތޮޅުން އަދި ގއ އަތޮޅުން މެޖިސްޓްރޭޓް އައްޔަންކޮށްފައި ވާކަމަަށް އޭރު ހުޅުމާލެ ކޯޓާހަވާލުވެހުރި 21 އަހަރު ފަނޑިޔާރުކަން ކުރައްވާފައިވާ ތަޖުރިބާކާރު އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ވިދާޅުވިއެވެ.
ނަމަވެސް ގާނޫނު ބުނާގޮތުން މެޖިސްޓްރޭޓް ކޯޓެއްގައިވާ މައްސަލައެއް ބަލަށް ނުވަތަ މެޖިސްޓްރޭޓް ކޯޓު ހަވާލުކުރަންވާނީ އެމެޖިސްޓްރޭޓް ކޯޓު ހިމެނޭ ދާއިރާއެއްގެ ނުވަތަ ކައިރި ޖުޑީޝަލް ދާއިރާއެއް މެޖިސްޓްރޭޓަކާކަމަށެވެ. އަދި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލައެއް ހަވާލުވާނީ އެކޯޓެއްގެ އިސްފަނޑިޔާރު ކަމަށާއި ނަމަވެސް އެފަނޑިޔާރަށް އެކޯޓުގައި ހިމެނޭ އެހެން ފަނޑިޔާރަކަށް މައްސަލައެއް ބެލުމަށް ހަވާލު ވުރެވިދާނެ ކަމަށެވެ. ނަމަވެސް މެޖިސްޓްރޭޓް ކޯޓެއްގައިވާ ވަކި މައްސަލައެއް ބެލުމަށް ވަކި ފަނޑިޔާރުންގެ ބެއްޗެއް އަޔަންކުރަން ޖޭއެސްސީއަށް އެއްވެސް ގާނޫނަކުން އެބާރު ލިބިފައިނުވާކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މެމްބަރުންނާއި ބައެއް ފަނޑިޔާރުންނާއި ޖޭއެސްސީގެ ބައެއް މެމްބަރުންވެސް އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް ގަބޫލުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ