ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު، ޕްރައިމަރީގެ ހުރިހާ ކަމެއްވެސް ސުލްހަވެރި ކަމާއި އެކު ކުރިއަށް ގެންދިއުމަށް އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މައުމޫނު ޓްވިޓާގައި ވިދާޅުވެފައިވަނީ "ޕީޕީއެމްގެ ލޮބުވެތި މެމްބަރުން ވަރަށް އޮމާން ކަމާއި ސުލްހަވެރި ކަމާއި އެކު ވޯޓް ލުމުގެ ކަންތައް ކުރިއަށް ގެންގޮސް ދެއްވުމަށް އިލްތިމާސް ކުރަން،" ކަމަށެވެ.
ޕްރައިމަރީ ސުލްހަވެރިކޮށް ކުރިއަށް ގެންދިއުމަށް ރައީސް މައުމޫނު އިލްތިމާސް ކުރައްވާފައިވާއިރު ޕްރައިމަރީގައި ވާދަ ކުރައްވާ އުމަރު ނަސީރުގެ ޓީމުން ވަނީ ވާދަވެރިޔާ އަބްދުﷲ ޔާމީން "ގޭންގް ތަކެއް" ފޮނުވައިގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ.
ތުހުމަތުތައް ދޮގު ކުރަމުން ޔާމީންގެ ޓީމުން ބުނެފައިވަނީ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުން ދަނީ އުމަރުގެ ޓީމުން ކަމަށެވެ. އަދި ޔާމީންގެ ޓީމުން ހަމަނުޖެހުން ހިންގުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށްވެސް އެ ޓީމުން ވަނީ ބުނެފައެވެ.
އުމަރުގެ ކެމްޕޭން މެނޭޖަރު އަހުމަދު ސަލީމް (މާޒް ސަލީމް) ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ޔާމީން ގޭންގްތަކެއް ފޮނުވައިގެން ޔާމީނަށް ވޯޓްލާން އަންގަމުންދާކަމަށެވެ. އެގޮތުން އޭނާއަށް ހަމަލާދޭންވެސް ޔާމީންގެ "ގޭންގުން" މަސައްކަތް ކުރި ކަމަށްވެސް މާޒް ސަލީމް ވިދާޅުވިއެވެ.
އުމަރުގެ ޓީމްގެ ފަރާތުން މައުލޫމާތު ދެއްވަމުން މާޒް ސަލީމް ވިދާޅުވީ އިންތިހާބުގެ ނަތީޖާ މިނިވަން ވާނެ ކަމާއި މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށާއި، އިންތިހާބާއި ބެހޭ ވަރަށް ގިނަ ޝަކުވާތަކެއްވެސް އެބަހުރި ކަމަށެވެ. ނަމަވެސް އިންތިހާބީ ކޮމެޓީ "ވީތަނެއް ނޭނގޭ" ކަމަށާއި އެ ކޮމެޓީގެ އެއްވެސް މެމްބަރަކު ފޯނަށް ޖަވާބު ނުދެއްވާ ކަމަސްވެސް މާޒް ސަލީމް ވިދާޅުވިއެވެ.
ވޯޓުލުން ސުލްހަވެރި ކަމާއި އެކު ކުރިއަށް ގެންދިއުމަށް ރައީސް މައުމޫނު އިލްތިމާސް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ