ޖޭޕީގެ ވެރިކަމެއްގައި ދެ އަހަރު ތެރޭ ހުރިހާ އަތޮޅެއްގައި އެއާޕޯޓް ހަދާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދާނެ ކަމަށާއި މިހާރު އެއާޕޯޓެއް ނެތް ހުރިހާ އަތޮޅެއްގައި ދެ އަހަރުތެރޭގައި އެއާޕޯޓް ހަދާ ނިންމަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހިމް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ދަތުރުފަތުރުކުރާނެ އެންމެ ފެންވަރު ރަނގަޅު ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އަދި ޤައުމެއް ތަރައްޤީ ކުރުމުގައި އެފަދަ އެތަކެއް އަސާސްތަކެއް ފުރިހަވާންޖެހޭ ކަމަށާއި އަދި އެކަން ކުރުމުގެ ވިސްނުމާއި ޤާބިލްކަން ޖުމްހޫރީ ޕާޓީގައި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ޤާއިމްކުރާތާ ބަރާބަރު ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މިހާރު އެއާޕޯޓެއް ނެތް ކޮންމެ އަތޮޅެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ޤާއިމްކޮށްދޭނެ. ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް އެއާޕޯޓެއް އޮތް ފަސޭހައިން ދަތުރުފަތުކުރެވޭނެ އަތޮޅުތަކަކަށް ވެގެންދާނެ،" ގާސިމް ވިދާޅުވި އެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރަންވާނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވާނެ ގައުމަށް އިޚްލާސްތެރި ވެރިއެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ މިވަނީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި، މި އަނދަވަޅުން ރާއްޖެ ސަލާމަތްކުރުމަށް ހުރިހާ ރައްޔިތުން މިއަދު ވިސްނަން ޖެހިފައިވާ ކަމަށެވެ.
ރޭ ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު 260 އަށްވުރެ ގިނަ މީހުންގެ ފޯމްތައް ޕާޓީގެ ލީޑަރާ ހަވާލު ކުރުން ވެސް އޮތެވެ. ރޭ ސޮއި ކުރި މެންބަރުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިންގެ ތެރޭގައި ހިމެނޭ މަސްއޮޑި އިބްރާހިމް ޝަކީބާއި އަބްދުއްރައޫފްގެ އިތުރުން، އިމާދު އިސްމާއީލް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ