ގާސިމް އިބްރާހީމް ޖަލަށް ލުމަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި

ގާސިމް އިބްރާހީމް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ގާސިމް އިބްރާހީމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތުގައި ހުކުމްކުރީ އެމަނިކުފާނު އާލާސްކަންފުޅާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށެވެ. ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓްކުރީ އެމަނިކުފާނަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތާ ގުޅިގެން ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެވެ.
ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް އެ ބޭފުޅުން ނިސްބަތްވާ ޕާޓީން ޓިކެޓް ހަމަޖައްސައިދީ އިތުރު ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ މ. ކުނޫޒްގައި އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީ ތަކުން ވަގުތުން ދުރަށް ދައްކަމުން ދިޔަ ޖަލްސާއެއްގައި ވިދާޅުވީތީ އެކަމަށް ރިއާޔަތްކޮށް އެކަނި އުފުލި ދައުވާ ސާބިތުކޮށްގެންނެވެ.
ގާސިމުގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެންމެ ފުރަތަމަ މިދައުވާ ކޯޓަށް ހުށަހެޅުމުން ސާބިތު ނުވާ ކަމަށް ނިންމި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމަށްފަހު އޭރު ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އާދަމް އާރިފް އެކަނި ދެވަނަ ފަހަރަށް އެ މައްސަލަ ބައްލަވާ އިއްވި ހުކުމްގަ އެވެ.
ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުން ބާތިލްކޮށް ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ދަށު ކޯޓުން ހުކުމްކޮށްފައިވާ ގާނޫނީ އަދި ޝަރުއީ ހަމަތަކާއި ޚިލާފަށްކަމަށެވެ.
މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގަކީ ގާނޫނޫ އަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގެއްނަމަވެސް ދަށު ކޯޓުން ވަނީ އެ ހައްގުވެސް ނިގުޅައިގެންފައިކަމަށް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބާތިލް ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމަކަށް ވާނެތީ ގާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކުރާކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް ގާސިމުގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެންމެ ފުރަތަމަ މިދައުވާ ކޯޓަށް ހުށަހެޅުމުން ސާބިތު ނުވާ ކަމަށް ނިންމާފައިވަނިކޮށްކަމަށްވީއިރު، ދެވަނަ ފަހަރަށް މައްސަލަ ކުރިއަށްގެންގޮސްފައިވަނީ އިޖްރާއާތުތަކާ ޚިލާފަށްކަމަށްވެސް ހުުކުމްގައިވެއެވެ. އަދި ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފެހެއްޓުމުގައިވެސް އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ