ވިޔަފާރި އުސޫލުން ކަރަންޓުގެ ހިދުމަތް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ރޮޒައިނާ

ކަރަންޓުގެ ހިދުމަތަކީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތެއް ކަމަށާއި އެ ހިދުމަތް ވިޔަފާރީގެ އުސޫލުން ދޭނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ކަރަންޓު އަގުބޮޑުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އެމްޑީޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮޒައިނާ ވިދާޅުވީ ކަރަންޓަކީ އަސާސީ ހިދުމަތަކަށް ވާއިރު، ސަރުކާރުން މިހާރު ކަރަންޓަކީ ވިޔަފާރީގެ އުސޫލުން ފައިދާ ނަގަން ކުރާ މަސައްކަތެއް ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. "އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި އިންޖީނުގެ ތަކަކީ ބޭރުގެ އެހީތައް. އެތަންތަނާ ފެނަކައިން ހަވާލުވެ ތިއްބަވައިގެން މިމަހުވެސް ތިމަންނަމެންނަށް ސަބްސިޑީ ކަނޑާލުމުން 11 މިލިއަނުން ފައިދާވިއޭ ވިދާޅުވެ މުޅިން ވިޔަފާރީގެ އުސޫލުން އަސާސީ ހިދުމަތެއް ދޭން ފައްޓައިގެން އެ ގެންދާ ގެންދިއުން އަޅުގަނޑުމެން ހަމަ ކަންބޮޑުވުން ފާޅުކޮށް ކުށްވެރިކުރަން،" ރޮޒައިނާ ވިދާޅުވިއެވެ. ކަރަންޓުގެ އަގާމެދު ރޮޒައިނާ ކަންބޮޑުވުން ފާޅުކުރެއްވި އިރު، ކަރަންޓުގެ އަގުތަކާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރު ހުސައިން ހަމީޒު ވިދާޅުވީ، މި ސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ތަންފީޒު ކުރަމުންދާ އުސޫލަކީ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައެޅި އަގުތަކެއް ކަމަށެވެ. އެގޮތުން އޭރު ފާސްކޮށްފައިވާ އަގުތަކަށް ބިލުނުކޮށް އެކި ރަށްރަށުގައި ތަފާތު އަގުތަކުގައި ދެމުން ދިޔަ ސަބްސިޑީ މިހާރު ހަމަހަމަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ