ސުޕްރީމް ކޯޓްގެ މަގުޗާޓަށް ބޮޑެތި ފާޑުކިޔުން، މާރިޔާގެ އާ ބަސް

ޝަރުއީ ދާއިރާ އިސްލާހުު ކުރުމަށް ސުޕްރީމް ކޯޓުން އެކުލަވާލި މަގު ޗާޓަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ތާއީދު ކުރައްވައިފި އެވެ. އަދި އަނެއް ބަޔަކު ގެންދަނީ އެ މަގުޗާޓަށް ފާޑު ކިޔަމުން އެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރާނެ ބޮޑު 20 ކަމެއް ހިމެނޭ ގޮތަށް "ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު" އާންމުކޮށްފައި ވަނީ ރޭ ގައެވެ. އެ މަގު ޗާޓަށް ބައެއް އާންމު ފަރާތްތަކުން ދަނީ ފާޑުކިޔުން އަމާޒު ކުރަމުންނެވެ. މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މަގު ޗާޓަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އޮތް ފުރުސަތެއް ކަމަށް ދެކި އެ ފުރުސަތު ބޭނުން ކުރުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. "ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އިސްލާޙީ އެޖެންޑާ ފުރުސަތެއް ކަމަށް ދެކި، ރާއްޖޭގެ މީހުން ރާއްޖެ އަށް އިސްލާހް ގެނައި ގޮތަށް ޖުޝަރީ އިސްލާހީ އެޖްނާ ފުރަސަތެއް ކަމަށް ދެކި، އެ ފުރުސަތުގެ ބޭނުން ހިފުން މުހިންމު ކަމެއް ކަމަށް ދެކެނެ،" ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖެހޭ ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ، އެއީ އެކަމަނާގެ ހިޔާލު ކަމަށާއި އެހިޔާލާ ދެކޮޅު މީހުން ތިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. https://twitter.com/MariyaDidi/status/1123799057116352512 "ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު"އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް ސުޕްރީޕް ކޯޓުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެކުލަވާލި މަގު ޗާޓު ރަނގަޅު ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާ އިރު، ގާނޫނީ ވަކީލުންނާއި އާންމު ބައެއް ފަރާތްތަކުން އަންނަނީ އެ މަގުޗާޓަށް ފާޑު ކިޔަމުން އެވެ. މާރިޔާ ކުރެއްވި ޓްވީޓަށް ރައްދުދެއްވާ، ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ މަޖިލީހަށް ނުވަތަ ރައްޔިތުންނަށް ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. "ޖުޑިޝަރީއިން އަމިއްލައަކަށް ލިބިގަނެގެން ތިބި ބާރުތައް އަމިއްލައަކަށް ދުލެއް ނުކުރާނެ،"މާރިޔާ ކުރެއްވި ޓްވީޓަށް ރައްދުދެއްވާ އިބްރާ ވިދާޅުވި އެވެ. "ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު"އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް ބައެއް ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މަގު ޗާޓު ތަންފީޒު ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ސުޕްރީމް ކޯޓަކަށް ނެތެވެ. އަދި އެކަން ކުރުމަކީ އެ ކޯޓުގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށް ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވައެވެ. ގާނޫނީ ވަކީލް އަދި ފޮނަދޫ ދާއިރާ އިންތިހާބީ މެމްބަރު މޫސާ ސިރާޖު މިއަދު ވިދާޅުވީ، ކޯޓުތަކުގެ އިހްތިސާސްގައި މަގު ޗާޓު ހެދުން ނޯންނާނެ ކަމަށެވެ. "ފަނޑިޔާރު ގެޔަށް މަގު ޗާޓު ނުހެދޭނެ. ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ކަމައެއް،" ފަނޑިޔާރުގެ އިސްލާހު ކުރުމަށް ޕެޓިޝަނެއް ހުށަހެޅުމުން ދެ މަސް ދުވަހަށް ސަސްޕެންޑް ކުރި ސިރާޖް ވިދާޅުވި އެވެ. https://twitter.com/MoosesSiraj/status/1123867732536123394 ގާނޫނީ ވަކީލް މަހްފޫޒު ސައީދު މިއަދު "ސަން" އަށް ވިދާޅުވީ، މަގުޗާޓު ތަންފީޒު ކުރުމަށް ސްޕްރީމް ކޯޓުން ބޭނުންވާ ގާނޫނެއް ހެނދުމަށް މަޖިލީހުގެ މައްޗަށް އަމުރު ކުރުމަކީ އެންމެ "ބެސްޓް ޕްރެކްޓިސް" އެއް ނޫން ކަމަށެވެ. "ސްޕްރީމް ކޯޓުން މީގެ ކުރިން މަޖިލީހުގެ މައްޗަށް އަމުރުކޮށްފައި އެބަހުރި. އެގޮތަށް އެކަން ކުރާނަމަ އެއީ އެންމެ ބެސްޓް ޕްރެކްޓިސް އެއް ނޫން،" މަހްފޫޒު ވިދާޅުވި އެވެ. ނަމަވެސް ސްޕްރީމް ކޯޓުން މަޖިލީހަށް އަމުރުނުކޮށް، ގާނޫނެއް ހެނދުމަށް އެދިވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މަހްފޫޒު ވިދާޅުވި އެވެ. "ސުޕްރީމް ކޯޓުން މީހާރު އެ ކިޔަނީ [ޝަރުއީ ދާއިރާގައި] ވަރަށް ބައިވަރު މައްސަލަތައް އެބަހުއްޓޭ. މީގެ ކުރިން އެވާހަކަތައް އަޅުގަނޑުމެން ދެއްކީކަމަ އަޅުގަނޑުމެން ސަސްޕެންޑް ކުރީ،" ޝަރުއީ ދާއިރާގައި ހުރި ކަންކަން އިސްލާހު ކުރުމަށް ގާނޫނީ ވަކީލުންނާއެކު ޕެޓިޝަނެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސަސްޕެންޑް ކުރި މަހްފޫޒު ވިދާޅުވި އެވެ. "ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު" ރޭ އާންމުކޮށްފައިވަނީ، މިދިޔަ ފެބްރުއަރީ މަސް ތެރޭ، ބޭއްވި ޖުޑިޝަލް ރިފޯމް ފޯރަމްގެ މަޝްވަރާތަކަށް ރިއާޔަތްކޮށް ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ވަނީ ބުނެފައެވެ. https://sun.mv/118770 ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގު ޗާޓެއް އާންމު ކޮށްފައިވާއިރު، ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ އެ ޕާޓީގެ "އެޖެންޑާ19" މެނިފެސްޓޯ ގައި ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށްޓަކައި މަޖިލިސް ތެރެއިން ޝަރުއީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ