ފުރަތަމަ އައިއެސްއޯ ސެޓްފިކެޓް އެލިއާ ކޮންސްޓްރަކްޝަނަށް

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ސެޓްފިކެޓް ލިބުނު ރާއްޖޭގެ ފުރަތަމަ ކޮންސްޓްރަކްޝަން ކުންފުންޏަކަށް އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވެއްޖެ އެވެ.
އައިއެސްއޯ ސެޓްފިކެޓަކީ ކުންފުނިތަކުގެ ފެންވަރު ބެލުމަށްފަހު، ދެވޭ ބައިނަލްއަގްވާމީ ސެޓްފިކެޓަކަށް ވާއިރު، މިއަދު އެލިއާ އަށް ވަނީ އެ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މިއަދު ހަވީރު ދަރުބާރުގޭ ހިރިޔާ މާލަމުގައި އެލިއާ އަށް އައިއެސްއޯ 9001:2000 ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސޮސައިޓީ ޖެނެރަލް ޑި ސެވީލަންސް (އެސްޖީއެސް) ގެ ރީޖަނަލް މެނޭޖަރު ފޯ ސައުތު އޭޝިއާ މިސް ސޫޒަން އެވެ. އެލިއާގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަތޯ އަލީ އެވެ.
އެލިއާ އަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލާއު އަލީ ވިދާޅުވީ، އެލިއާ އަށް ސެޓްފިކެޓް ލިބިގެންދިޔައީ އެ ކުންފުނިން ކުރި މަސައްކަތުން ކަމަށެވެ.
"މި ސެޓްފިކެޓަކީ ވަރަށް މުހިންމު ސެޓްފިކެޓެއް. ރާއްޖޭގެ ފުރަތަމަ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ގޮތުގައި އައިއެސްއޯ ސެޓްފިކެޓް އެލިއާ އަށް ލިބުމުން އަޅުގަނޑުމެން ފަހުރުވެރިވަން. މިއީ އަޅުގަނޑުމެން ކުންފުނީގެ ދިގު 50 އަހަރުގެ ތާރީހުގައި ކުރި މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން މި ދާއިރާގައި ނުކުރާ އެއްވެސް މަސައްކަތެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ. އަދި މި ސެޓްފިކެޓް އަޅުގަނޑުމެންނަށް ލިބިގެން މި ދިޔައީ ކުންފުނިން ހިފަހައްޓަމުން ދިޔަ ފެންވަރުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
މި ސެޓްފިކެޓަކީ ބޮޑެތި ގިނަ ގައުމުތަކުން ބަލައިގަންނަ ސެޓްފިކެޓަކަށް ވުމުން އެލިއާ އަށް ބައިނަލްއަގްވާމީ ބޮޑެތި ޕްރޮޖެކްޓްތައް ހޯދުމަށް ފަސޭހަކަމެއް ލިބިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ