މާސްކު ނާޅައި މިހާރު އުޅެވޭނެކަމަށް ވިދާޅުވެ ބައިޑަން މާސްކު ބާލުއްވައިފި

ވެކްސިން ޖަހާފައިވާ އެމެރިކާގެ ރައްޔިތުން ބޭރުގައި މާސްކު އަޅަންނުޖެހޭނެކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ރައީސް ޖޯ ބައިޑަން މާސްކު ނަންގަވައިފިއެވެ.
ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވަމުން ބައިޑަން ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށް ކޯވިޑް-19 ވެކްސިން ދިނުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި ބަލިފެތުރުން ހުއްޓުވުމަށް އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކުރާ ޤަވާއިދަށް ލުއިތަކެއް ދެވޭނެކަމަށެވެ. ވެކްސިން ޖެހުމުން މީހުން ގިނައިން އެއްވެ ނޫޅޭ އާންމު ތަންތަނުގައި މާސްކު އަޅަން ނުޖެހުމަކީ މިހާތަނަށް ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުމަށް ލިބޭނެ ހިތްވަރެއްކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށްއޮތް ހޫނު މޫސުމުގައި ޕާކުތަކަށް ދިޔުމަށް ފުރުޞަތު ލިބި އެފަދަ ތަންތަނުގައި މާސްކު ނާޅައި އުޅުމުގެ ފުރުޞަތު ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގެ ބަގީޗާއެއްގައި ހުންނަވައި އެމޭރުމުން ވާހަކަދެއްކެވުމަށްފަހު އަނބުރާ ބައިޑަން ވަޑައިގެންނެވީ މާސްކު ނާޅުއްވައެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލް ސީޑީސީން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް ބަލިމަޑުކަމުގެ ސަބަބުން ނުކޮށްދޫކޮށްލަން ޖެހުނު ގިނަ ކަންތައްތަކެއް އަލުން ކުރަން ފެށޭނެކަމަށެވެ. އާންމު ތަންތަނުގައި މާސްކު ނޭޅި ނަމަވެސް ގިނަ މީހުން އެއްވާ ކޮންސެޓުތަކާއި ކުޅިވަރު ޙަރަކާތްތަކަށް ދާނަމަ އަދިވެސް މާސްކު އެޅުން އެދެވިގެންވާކަމަށް ސީޑީސީން ބުނެއެވެ.
އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އެމެރިކާގައެވެ. އެ ޤައުމުގައި މިހާތަނަށް 32.9 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 587،384 މީހުންވަނީ މަރުވެފައެވެ. އެމެރިކާގެ 18 އަހަރުން މަތީގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެ ޑޯޒްގެ ތެރެއިން ފުރަތަމަ ޑޯޒުވަނީ ދީފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވެސްވަނީ ދަށަށްދާން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ