ތަރައްޤީގެ މަޝްރޫއުތައް ހިންގާނީ ރައްޔިތުން އެދޭގޮތަށް: ފައިސަލް

ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ތަރައްޤީގެ މަޝްރޫއުތައް ހިންގާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި ރައްޔިތުން އެދޭ ގޮތަށް ކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ދޮރުން ދޮރަށް ކެމްޕޭނުގައި ކާށިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކާށިދޫ ބަނދަރު ސަރަހައްދުގައި ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ތަރައްޤީގެ މަޝްރޫއުތައް ހިންގަން ޖެހޭނީ ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލާއި މަޝްވަރާ އާއި އެކުގައި ކަމަށެވެ. އެގޮތުން ކާށިދޫ އެކޭ އެއްފަދައިން މުޅިރާއްޖޭގެ ރައްޔިތުންނަށްވެސް އުފާވެރި ދުވަސްތަކެއް ހޯދައިދީ ހަމަހަމަ ގޮތެއްގައި ތަރައްޤީގެ ފުރުޞަތުތައް ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ރައްތަށް ތަރައްޤީ ކުރުމުގައި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން އަބަދުވެސް ބަލަމުންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް. ރައްޔިތުންނަށް އެންމެ ބޭނުންތެރި އެންމެ މުހިއްމު ކަންތައްތަކަށް އިސްކަންދީގެން މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް." ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ތައުލީމާއި ސިއްހަތާއި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އަދި އެންމެނަށް އިންސާފުލިބި ހަމަހަމަކަށް ގެނައުމަށްޓަކައި އަދި މާދަމާގެ މުސްތަޤުބަލަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙުގެ ރަނިންމޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކާށިދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ފައިސަލްއަށް މަރުހަބާ ދެންނެވުމަށް ގިނައަދަދެއްގެ ރައްޔިތުން ބަނދަރުމަައްޗަށް ނުކުތް އިރު ފައިސަލް ވަނީ އެ އެންމެންނާއި ސަލާމް ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ފައިސަލް ދޮރުން ދޮރަށް ކެމްޕޭނުގައި ގޭގެއަށް ވަޑައިގެންނެވުމުންވެސް އެގޭގެއިން ފައިސަލަށް މަރުހަބާ އާއި ޝުކުރު ދަންނަވައި ގުޅިފައިވާ ޕާޓީތަކާއި އެކު ތިބިކަން ހާމަކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ފައިސަލް ތަމްސީލުކުރައްވަނީ ކާށިދޫ ދާއިރާއަށް ވާއިރު، ކާށިދޫއަކީ ޖުމުހޫރީޕާޓީ އާއި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަށެކެވެ. އަދި ރަނިންމޭޓުގެ ގޮތުގައި ފައިސަލް ހަމަޖެހިގެން ދިޔުމާއި އެކު އެތާއީދު އިތުރަށް ބޮޑުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ