ރާއްޖޭން ހެދެން އޮތް ކޯހެއް ހަދަން، ރާއްޖޭން ބޭރަށްދާން ސަރުކާރުން އެހީ ނުދޭނެ!

ރާއްޖޭން ހެދެން އޮތް ކޯހެއް ހަދަން، ރާއްޖޭން ބޭރަށްދާން ސަރުކާރުން އެހީ ނުދޭނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަސްލު" ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން،
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވީ، މަތީ ތައުލީމަށް ލޯނު ދެނީ ރާއްޖޭން ކިޔެވެން ނެތް އެއްޗެއް ބޭރުން ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކޮންމެ ފަހަރަކު ވެސް ލޯނު ސްކީމަށް އިއުލާނު ކުރާއިރު ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ހިންގާ ކޯސްތަކާއި ހިންގަން ރާވާފައިވާ ކޯސްތައް ބަލާ ކަމަށާއި އެފަދަ ކޯސްތަކުގެ ލިސްޓެއް އިއުލާނާއެކު ޝާއިއު ކުރާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވަނީ ރާއްޖޭން ހެދޭ ކޯހެއް ހަދަން ދަރިވަރަކު ރާއްޖޭން ބޭރަށް ދާން ބުނެފިނަމަ އެ ދަރިވަރަކަށް ދޭނެ ޖަވާބަކީ ނޫނެކޭކަން ފާހަގަ ކުރައްވާފައެވެ.
އިސްތިސްނާ ހާލަތެއް ފިޔަވައި ރާއްޖޭގައި ހެދޭ ކޯހެއް ވިއްޔާ ރާއްޖޭގައި ހަދަން ބާރުއަޅާނެ ކަމަށާއި އެ ފަދަ ކޯހެއް ހަދަން ރާއްޖޭން ބޭރަށް ދާން މާލީ އެހީ ސަރުކާރުން ނުދޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާވެސް ވިދާޅުވީ، ސަރުކާރުން އެދޭ ގޮތަކީ ދިވެހި ދަރީން ގައުމުގައި ތިބެގެން ގައިުމުގެ ކޮލެޖް/ ޔުނިވާސިޓީގައި މަތީ ތައުލީމް ހާސިލުކުރުން ކަމަށެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ފެންވަރުމަތިކޮށް، ދިވެހި ގައުމުގައި މީހުން ބިނާކުރެވޭނެ ވަސީލަތް ގާއިމުކުރަންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ