ބަޖެޓް 2025: "ހަގީގީ ބަޖެޓެއްގެ ސިފަ މިފެންނަނީ އަދި ކިރިޔާ"

މި ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު
އެކުލަވާލާފައިވަނީ ރަށްރަށަށް ކަނޑައަޅާފައިވާ މަޝްރޫއުތަކާއި އަދަދުތައް
ވަކިވަކިން ޖެހުމުގެ ބަދަލުގައި އެކި ދާއިރާތަކަށް ބަހާލައިގެންނެވެ. މިއީ ރައްޔިތުންގެ
މަޖިލީހުގެ މައިނޯރިޓީގައި އޮތް އެމްޑީޕީގެ އެންމެ ބޮޑު އެއް ކަންބޮޑުވުންކަން
ފާހަގަކޮށްލެވެއެވެ.
ބަޖެޓުގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރު ތަމްސީލުކުރާ
މެމްބަރުންގެ ވާހަކަތަކަށް ބަލާލާއިރުވެސް މައިގަނޑު ގޮތެއްގައި އޮންނަނީ އިދިކޮޅު
މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދިނުމެވެ. އިދިކޮޅު މެމްބަރުންނާ
ހިލާފަށް އެ މެމްބަރުން ހަގީގީ ބަޖެޓެއްގެ ސިފަ މިފެންނަނީ އަދި ކިރިޔާ ކަމަށެވެ.
ބަޖެޓު އެކުލަވާލާފައިވާ ގޮތާ މެދު އިދިކޮޅުގެ މި ނުތަނަވަސްކަމާ ގުޅުވައި
ބުރާސްފަތި ދުވަހުގެ ޖަލްސާގައި މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު
އިބްރާހީމް ފަލާހު ވާހަކަ ދެއްކެވިއެވެ. މެމްބަރު ވިދާޅުވީ އެހެން ސަރުކާރުތަކުގެ
ވާހަކަދައްކައި އެ ސަރުކާރުތަކުގެ ގޯސްތައް ދައްކަން މިއަދު އެމްޑީޕީން ލަދު
ގަންނަން ޖެހޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވީ، މިދިޔަ ފަސް
އަހަރުގެ އެމްޑީޕީ ސަރުކާރުގައި ގައުމުގެ ދަރުވާލާއި އިގްތިސާދީ ހާލަތު ގޯހުން
ގޯހަށް ވައްޓާލުމެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު ގަބޫލުކުރައްވާ ގޮތުގައި އަންނަ
އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން "ފަރުވާ ނުލިބޭ" އަދި "އެހީތެރިކަމެއް
ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ" އެވެ.
އެމްޑީޕީ
މެމްބަރުން ބަޖެޓަށް ފާޅުގައި ފާޑުވިދާޅުވި ނަމަވެސް، އޭގެތެރެއިން ބައެއް
މެމްބަރުން ސިއްރު ސިއްރުން ނަމަވެސް ބަޖެޓަށް ތައުރީފް ކުރަމުންދާ ކަމަށް ބުރާސްފަތި ދުވަހު މަޖިލީހުގައި، ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ މިއީ މިދިޔަ ސަރުކާރުން
ވެސް ބަޖެޓު ހުށަހަޅަން އެބޭފުޅުން ބޭނުންވި ގޮތް ކަމަށް އިދިކޮޅު މެމްބަރުން
ބުނަމުންދާ ކަމަށެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން
ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކާއި ހުވަންތައް ހަގީގަތަކަށް
ހެދުމަށްޓަކައި ސަރުކާރުން އެކުލަވާލާ މަގު ޗާޓެއް ކަމަށް ސަރުކާރު މެމްބަރުން
ފާހަގަކުރައްވައެވެ. އެގޮތުން ސަރުކާރު މެމްބަރުން ވިދާޅުވާ ގޮތުގައި މި ބަޖެޓަކީ
މިހާރު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދޭނެ
ބަޖެޓެކެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު
ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ކޮންމެ ރަށެއްގައި ކުރަން ހުންނަ
ހުރިހާ މަސައްކަތެއް ފެންނަން ހުރުމަކީ ރައްޔިތުންނަށް މުހިއްމު ކަމެއް ނޫނެވެ.
ރައްޔިތުންނަށް މުހިއްމުވާނީ. މެމްބަރުން ދެކިވަޑައިގަންނަވާ ގޮތުގައި މަޝްރޫއުތައް ފަށައި އެ މަޝްރޫއުތައް ނިންމޭކަން
ކަށަވަރުކުރުމެވެ.
މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މި ބަޖެޓުން މި ގެނެސްދެނީ އެ އުއްމީދެވެ.
ހުއްޓިފައި އޮތް ގައުމުގެ އިގްތިސާދު އަލުން ބާރަށް ހިނގައިގަންނާނީ މި ބަޖެޓު
ފުރިހަމައަށް ތަންފީޒުކުރެވުމުން ކަމަށް މަޖިލީހުގެ މެޖޯރިޓީން ގަބޫލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ