މޫސުން ގޯސްވެ، ކަނޑުގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ. ވައިގަދަވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައިވާއިރު އެ ސަރައްދުތަކަށް 25 މޭލާ 30 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް އިލްތިމާސްކުރައްވާފައެވެ. . އެގޮތުން ދަތުރަށް ނިކުތުމުގެ ކުރިން، ދުރާލާ މޫސުން އޮތްގޮތް ބެލުމާއި ރައްކާތެރިކަމަށް އަޅަންޖެގޭ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.
ވައިގަދަވުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. މެޓް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އެންމެ ގިނައިން ވާރެވެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. އެއީ 89.9 މިލިމީޓާރުގެ ވާރެއެވެ. ދެން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ފުވައްމުލައް ސިޓީ، ލ.ކައްދޫ އަދި ލ.މާވަށެވެ.
އެންމެ ބާރަށް ވައިޖެހުނުކަމަށް ރެކޯޑްކޮށްފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެރަށަށް 44 މޭލު ބާރުމިނުގައި ވައިޖެހުނުކަމަށް ރެކޯޑްކޮށްފައިވެއެވެ.
ނިމުނު ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، މިހާރު މަޑުމަޑުން މޫސުން ރަނގަޅުވަމުންދާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ