ހިޔާ ޓަވަރުތަކުގެ އިތުރު ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. 
ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހިޔާޓަވަރު 2 ގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. 
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. 
މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މަޝްރޫއު ނިމޭއިރު ޖުމުލަ 32 ލިފްޓް ހިޔާ ޓަވަރުތަކުގައި ހަރުކުރެވޭނެއެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖަރ ލިފްޓަކާއި، ސްޓްރެޗަރ ލިފްޓެކެވެ. 
ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑާއިންޓެލެކްޗުއަލް ގުރޫޕް އާއެވެ. އަދި 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ކަނޑައެޅިފައެވެ. 
އެޗްޑީސީން ބުނެފައިވާ ގޮތުގައި މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަންދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. އަދި މި ލިފްޓުތައްގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެއެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސްފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ